ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތިން ފިކުރަކުން މީހަކު މިހާތަނަށް ކެމްޕެއިންކޮށްފި އެވެ.
ތ. ގާދިއްފުށްޓަށް އުފަން މުހައްމަދު ހަސަން އޭނާގެ އަމިއްލަ ރަށުގެ ކައުންސިލް މެންބަރުކަމަށް އެކި ކުލަކުލައިގައި މިހާތަނަށް ވާދަކޮށްފައިވާތީ އެ ރަށުގެ އެކި ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޚުލާސާ އަށް މައުލޫމާތު ލިބުނު ގޮތުގައި އޭނާ އެންމެ ފުރަތަމަ ކައުންސިލް މެންބަރުކަމަށް ވާދަކުރަން އިއުލާނުކުރީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީ ޓިކެޓުގަ އެވެ. އަދި އެއަށްފަހު އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމައި، މިހާރު ވާދަކުރަނީ އެމްޑީޕީ ޓިކެޓުގައި ކަމަށްވެ އެވެ.
އިންތިހާބުގައި ވާދަކުރުމަށް އޭނާ ވަނީ ދެ ޕާޓީ އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި ޕޯސްޓަރުތައް ހަދައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހެކެވެ.









