ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓި ލީބިޔާ ސިފައިންގެ އެންމެ އިސް ވެރިޔާ ލެފްޓިނެންޓް ޖެނެރަލް މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް އާއި އަސްކަރިއްޔާގެ އިސް ވެރިންތަކެއް އަވަހާރަވެއްޖެއެވެ.
ޑަސޯލްޓް ފެލްކަން 50 ބިޒްނަސް ޖެޓް ވެއްޓެން ދިމާވީ އަންކާރާ އިން ޓްރިޕޮލީ އަށް ދިޔަ މަގުމަތީގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އެއީ އެއާޕޯޓުން ނައްޓައިލިތާ ގާތްގަނޑަކަށް ސާޅީހަކަށް މިނެޓް ފަހުންނެވެ.

ތުރްކިޔޭގެ ޚަބަރުތައް ބުނާ ގޮތުގައި ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކުއްލި ގޮތަކަށް ފުލައިޓް ޖައްސަން އެދުނު ކަމަށާއި ނަމަވެސް ފުލައިޓް ޖެއްސުމުގެ ކުރިން މުވާޞަލާތީ ގުޅުން ވަނީ ކެނޑިފައެވެ.
މި ފުލައިޓް ވެއްޓުނީ އަންކާރާގެ ދެކުނުގައި އޮންނަ ހައިމަނާ ޑިސްޓްރިކްޓަށެވެ. ބޯޓުގައި ތިބި އެންމެން މަރުވިއިރު ލީބިޔާގެ އިތުރު ހަތަރު އިސް އޮފިސަރުންނާއި ފްލައިޓް ކްރޫން ހިމެނެއެވެ.
މި ހާދިސާ އާއި ގުޅިގެން ލީބިއާގެ ބޮޑުވަޒީރު ވަނީ މިއަދުން ފެށިގެން ތިންދުވަހަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށް، ޤައުމީ ހިތާމައިގެ ތިންދުވަސް ކަމަށް ނިންމާފައެވެ.






