ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ހުރިހާ ރަށަކަށް ފޮނުވާ ނިންމާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވެސް އަންނަނީ ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ދަނީ ފޮނުވަމުންނެވެ. މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން ސްޓޭޝަނަރީ ވައުޗާ ދޫކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި، ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން، ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަށް ޖުމުލަ 40 މިލިއަން ރުފިޔާ ހަރަދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.









