އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިމަތިލާ ފަރާތްތައް ކަށަވަރު ކުރުމަށް ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރުގައި ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މި ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
އެ ޕާޓީން ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވައިލީ މިމަހުގެ 1 ގައެވެ. ޕްރައިމަރީގައި ވާދަކުރާ ދާއިރާތަކާއި ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ޕީއެންސީ އިން ބުނާ ގޮތުގައި 297 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ކައުންސިލް މެންބަރުންގެ ގޮނޑިއަށް 82 ކެންޑިޑޭޓުން، ކައުންސިލްތަކުގައި އަންހެނުންގެ ހާއްސަ ގޮނޑިތަކަށް 48 ކެންޑިޑޭޓުން، ކައުންސިލްތަކުގެ ރައީސް ކަމަށް 47 ކެންޑިޑޭޓުން، އަންހެނުންގެ ތަރައްގީ ކޮމިޓީތަކުގެ ރައީސް ކަމަށް 19 ކެންޑިޑޭޓުން، އަދި އަންހެނުންގެ ތަރައްގީ ކޮމިޓީތަކުގެ މެންބަރުންނަށް 98 ކެންޑިޑޭޓުންނެވެ.
ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީން ޕްރައިމަރީ ބާއްވަނީ ހަމައެކަނި އައްޑޫގައެވެ.
ޕީއެންސީން ވަނީ ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ވެސް އާންމުކޮށް، ޝަކުވާއެއް ވާނަމަ ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް އެ ޕާޓީގެ އިންތިހާބީ ޝަކުވާ ނަންބަރު 9323686 އަށް ހުށަހެޅޭނެ ގޮތް ހަދާފައެވެ.






