ގައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އިފްތިހާކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 23 ދުވަސް ކުރިން - 22 ޑިސެންބަރު 2025 13:43
ރައީސުލްޖުމްހޫރިއްޔާ ގައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އިފްތިހާކޮށްދެއްވުން---ފޮޓޯ: އެމްއެމްއޭ
ރައީސުލްޖުމްހޫރިއްޔާ ގައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އިފްތިހާކޮށްދެއްވުން---ފޮޓޯ: އެމްއެމްއޭ
ޚުލާސާ

މި ސްޓްރެޓެޖީތަކާއެކު އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްގީއަށާއި، އިޖްތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ގައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް މިއަދު އިފްތިތާހުކޮށްފި އެވެ.

މި ސްޓެރެޓެޖީތައް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތު ސަރުކާރުގެ ވަޒީރުންނާއި، ވުޒާރާތަކުގެ އިސްވެރިންނާއި، މާލީ އިދާރާތަކުގެ ވެރިންނާއި، އެމްއެމްއޭގެ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ ބައިވެރިވެފަ އެވެ.

މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ހިދުމަތްތައް ފުޅާކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ތައާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިތިގްސާދީ ތަރައްގީއަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާހު ކުރެވިގެން މި ދެ ސްޓްރެޓެޖީތަކަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް އިތުރުށް ފުޅާކުރުމުގެ އެޖެންޑާގެ ދަށުން އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ. މި ސްޓްރެޓެޖީތަކާއެކު އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްގީއަށާއި، އިޖްތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެ އެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މާލީ ބައިވެރިވުމަކީ ހަމައެކަނި މާލީ ހިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެގަނެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި، މައުލޫމާތާއި، އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދާ ދިނުމަށެވެ. އެގޮތުން އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ވަނީ ދީފަ އެވެ.

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕްއިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާއީ އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިން ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މާލީ ނިޒާމުގެ ހަމެޖެހުން ކަށަވަރުކުރުމާއި، ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒުތައް ކަމަށާއި، މިއަދު މި ފެށީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް މާލީ ނިޒާމްގެ ދައުރު ފުޅާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މާލީ ހިދުމަތްތައް ފުޅާކޮށް ފައިނޭންސް ދެމެހެއްޓެނިވި ތަރައްގީއާ ގުޅުވައިގެން، މުޅި ރާއްޖެއަށް ކުރިއެރުމާއި، ހަރުދަނާކަމާއި، ފުރުސަތުތައް ފަހިކޮށްދޭ މައިގަނޑު ވަސީލަތެއްގެ ގޮތުގައި މާލީ ދާއިރާ ބައްޓަންކޮށްފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، މި ދެ ސްޓްރެޓެޖީގެ ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް ގަވަރުނަރުގެ ވާހަކައިގައި ވަނި އަލިއަޅުވާލާފަ އެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އެކުލަވާލުމުގައި، ސަރުކާރުގެ ވުޒާރާތަކާއި، މާލީ އިދާރާތަކާއި، ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން ވެދެއްވި އެހީތެރިކަމަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމުގައި ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓިއަރިންގ ކޮމިޓީގެ ލިޑާޝިޕާއި އިރުޝާދަށް އަދި ޓެކްނިކަލް ކޮމިޓީތައުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.

މިއަދު އިފްތިތާހު ކުރެވުނު ސްޓެރެޓެޖީތަށް ފާހަގަކުރެވެނީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމުގެ ރާއްޖެއިން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވިފައިވާ ތަރައްގީއަށް އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްގީއަށް ބާރުއަޅާ، އިގްތިސާދީ ތަރައްގީއަށް ބާރުލިބޭ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ މުހިންމު އަމާޒެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%