ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ އާއްމު ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ގަވާއިދު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ރެޒިޑެންޝަލް ބިންތަކުގައި މިވަގުތު އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ޓެރަސްއާއެކު 7 ބުރިއަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭކަންކަން ހާސިލު ކުރުމުގައި މަސްލަހަތު އޮތީ ޤާނޫނު ބަދަލުކޮށްގެން ކަމަށްވާނަމަ އެބަދަލު ގެނެސްގެންވެސް ކަންކަން ހާސިލް ކުރައްވާނޭކަމަށެވެ. އެގޮތުން 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ގަވާއިދު ބަދަލުކުރައްވާނެ ކަަމަށެވެ.
"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 10 ބުރިއަށް އިމާރާތް ކުރާނަމަ އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭނެ ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަލް ބޭނުމަށް ހާއްސަކުރަން ޖެހޭނެ ކަމަށެވެ. އަދި ގޯތި ލިބިފައިވާ ފަރާތްތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރެވޭ ގޮތަށް އޮތްއިރު އެެގްރީމެންޓުގެ ޖުމުލަ އަގުން 10 ޕަސެންޓު ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ ސަރުކާރުން ހުޅުމާލޭގައި 10 ބުރިއަށް ކުރުމުގެ ހުއްދަ ދޭން ނިންމިކަމަށް އިއުލާނުކުރިއެވެ. ހުޅުމާލެ ބަލަހައްޓާ އާބަންކޯ، މިހާރުގެ އެޗްޑީސީން އެގޮތަށް އިއުލާންކުރި ނަމަވެސް އެކަން ކުރެވޭނެ އެއްވެސް އުސޫލެއް, ނޫނީ ގަވާއިދެއްވެސް ހަދާފައެއް ނުވެއެވެ. އަދި ގަވާއިދެއް ނެތުމުގެ ސަބަބުން އޭރު އެކަމަށް އެދި ހުށަހެޅި ފަރާތްތަކަށް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް އެކުންފުނިން ވަނީ ދެކޮޅު ހަދާފައެވެ.






