މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ދާދި ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:17 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން އިތުރަށް ބުނީ މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށެވެ.
މަރުވެފައިވާ މީހާ އޮޔާ ދާ މަންޒަރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ މީހާގެ ހަށިގަނޑުގެ އެކިތަންތަނުން ހަލާކުވެފައިވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެންނަން ހުއްޓެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދި ފަހުން އއ. އުކުޅަހުން ވެސް ފަތުރުވެރިއަކު ގެއްލިގެން ހޯދަން އިއުލާނު ކުރި އެވެ. އެ ރަށު ކައުންސިލުން އެ މީހާ ހޯދުމުގެ މަސައްކަތް ޑްރޯން އަރުވައިގެންނާއި މޫދާއި ފަޅުގެ އެކި ސަރަހައްދުތަކުގައި ފީނައިގެން ކޮށްފައިވާ އިރު، އެ މީހާ ގެއްލިފައިވަނީ ކަނޑަށް ކަަމަށް ބެލެވެ އެވެ.









