ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލައިފި

މުހައްމަދު ޖަމްޝަތު | 25 ދުވަސް ކުރިން - 20 ޑިސެންބަރު 2025 17:26
ބިންވެރިޔާ ސްކޫމުގެ ދަށުން ހުޅުމާލެ 3 އިން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުނެގުން---ފޮޓޯ:ހައުސިން މިނިސްޓްރީ
ބިންވެރިޔާ ސްކޫމުގެ ދަށުން ހުޅުމާލެ 3 އިން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުނެގުން---ފޮޓޯ:ހައުސިން މިނިސްޓްރީ
ޚުލާސާ

ގޯތިތަކުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެގޮތް ހައުސިން މިނިސްޓްރީން އިއުލާނުކުރާނެ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިންމާލައިފިއެވެ. ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ.

ގޯތިތަކުގެ ގުރުއަތު އަލުން ނެގީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރު ކަނޑައެޅުމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 1،351 ގޯތި ދޫކުރިއެެވެ. މާސްޓާ ޕްލޭނަށް ގެނައި ބަދަލާއެކު މިއަދު ގުރުއަތުނަގާފައިވަނީ ހަތް ސައިޒެއްގެ 698 ގޯތީގެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު

  1. 1650 އަކަފޫޓުގެ 181 ގޯތި
  2. 2050 އަކަފޫޓުގެ 242 ގޯތި
  3. 2450 އަކަފޫޓުގެ 132 ގޯތި
  4. 2850 އަކަފޫޓުގެ 62 ގޯތި
  5. 3250 އަކަފޫޓުގެ 41 ގޯތި
  6. 3650އަކަފޫޓުގެ 16 ގޯތި
  7. 4000 އަކަފޫޓުގެ 24 ގޯތި

ހައުސިން މިނިސްޓްރީން މި ގޯތިތައް ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައޫލޫމާތު ފަހުން އާންމުކުރާނެއެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލުކުރުމަށް ފަސް ސަރަހައްދަކުން 1،600 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެމްއޭސީއެލް އާ އެމަސަތްކަތް ހަވާލުކޮށްގެން ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ. އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުން ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެއީ މި މަސައްކަތުގެ 50 އިންސައްތައެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%