ހައިކޯޓުގެ ފަނޑިޔާރު މާނިޢުގެ ސުލޫކީ މައްސަލައެއް ޖޭ.އެސް.ސީ އަށް ހުށަހަޅައިފި

ހުސައިން އިސްމާއިލް | 35 ދުވަސް ކުރިން - 20 ޑިސެންބަރު 2025 13:37
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކުރުމުގެ ތެރެއިން (މާނިޢު ހައިކޯޓަށް ޢައްޔަންކުރީ ކުއްލި ގޮތަކަށް)
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކުރުމުގެ ތެރެއިން (މާނިޢު ހައިކޯޓަށް ޢައްޔަންކުރީ ކުއްލި ގޮތަކަށް)
ޚުލާސާ

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ މައްޗަށް ސުލޫކީ މައްސަލަ ޖޭ.އެސް.ސީ އަށް ހުށަހެޅީ ބުރާސްފަތި ދުވަހު

ހައިކޯޓުގެ ފަނޑިޔާރު ހއ.އިހަވަންދޫ، އަންބަރީގޭ ޢަބްދުލްމާނިޢު ޙުސައިންގެ ސުލޫކީ މައްސަލައެއް ބުރާސްފަތި ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަށް ހުށަހަޅައިފިއެވެ.

މާނިޢުގެ މައްޗަށް މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ޝަރީޢަތަށް ޖިނާޢި މައްސަލަ އެއް ވެސް ހުށަހަޅަފައެވެ. އެއީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުން އޭރުގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު އެ ޕާޓީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރެއިން އިހަވަންދޫ ކޯޓަށް ގެއްލުންދިން މައްސަލަ އާއި ގުޅިގެންނެވެ. އޭރު މާނިޢު އަކީ ޤާނޫނީ ވަކީލެކެވެ.

ޕީޖީން މާނިޢު އާއި ދެކޮޅަށް އޭރު ދަޢުވާ ކޮށްފައި ވަނީ 2012 ފެބްރުއަރީ 8 ވަނަ ދުވަހުގެ ހަވީރު 17:30 ހާއިރު ހއ އިހަވަންދޫ ޕޮލިސްޓޭޝަނަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) އަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަދެ ސްޓޭޝަންގެ ފުލުހުން ގަދަކަމުން ސްޓޭޝަނުން ބޭރަށް ނެރެ ސްޓޭޝަން ބަންދުކޮށްފައިވާ މައްސަލައިގައެވެ.

އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޕީޖީ އިން މާނިޢު އާއި ދެކޮޅަށް ކުރި ޖިނާޢީ ދަޢުވާ އަކީ ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

މާނިޢުގެ މައްޗަށް ދަޢުވާ ކުރުމަށް ޕޮލިސް ސާވިސް އިން ޕީޖީ އަށް ފޮނުވާފައި. (މީގައި ލިޔެފައި ވަނީ 2012 ފެބްރުއަރީ 8 ވަނަ ދުވަހުގެ ހަވީރު 17:30 ހާއިރު ހއ އިހަވަންދޫ ޕޮލިސްޓޭޝަނަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) އަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަދެ ސްޓޭޝަންގެ ފުލުހުން ގަދަކަމުން ސްޓޭޝަނުން ބޭރަށް ނެރެ ސްޓޭޝަން ބަންދުކޮށްފައިވާ މައްސަލައިގައި ފުލުހުންހެ ވާޖިބަށް ހުރަސް އެޅުން).

ނަމަވެސް މާނިއު ކޯޓަށް ޙާޟިރު ކުރުމަށް ދެފަހަރެއްގެ މަތިން ޢަމުރު ފޮނުވުމަށް ފަހު، އެ ދަޢުވާ އަނބުރާ ގެންދެވީ އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމެވެ.

ދަޢުވާ އަނބުރާ ގެންދިޔުމުން އެދުވަސްވަރު އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖޭ.އެސް.ސީ ގެ މެންބަރަކަށް ޤާނޫނީ ވަކީލުންގެ ފަރާތުން މާނިޢު ކުރިމަތިލައްވައި މެންބަރަކަށް ހޮވިވަޑައިގަތެވެ. އެއަށް ފަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ވެރިކަން ނިމި ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް ޖޭ.އެސް.ސީ.އިން މާނިޢު ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަނުކުރެއްވިއެވެ.

މާނިޢު ހައިކޯޓަށް ޢައްޔަނުކުރައްވާފައިވަނީ ހުރިހާ އިޖްރާޢަތްތަކާއި ޚިލާފަށް ކަމަށް އެ ދުވަސްވަރު ދިޔަރެސް ނޫހުގައި ބުނެފައިވެއެވެ. އަދި މާނިޢު ފަނޑިޔާރަކަށް ޢައްޔަނުކުރި މައްސަލަ ޤާނޫނީ ވަކީލުންގެ ތެރެއިން ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%