ޤަޠަރާއި މިޞްރާއި ތުރުކިޔޭގެ އިސް މަންދޫބުންތަކެއް ޣައްޒާގެ ޞުލްޙައިގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތްތަކާއި ބެހޭ ގޮތުން އެމެރިކާގައި މަޝްވަރާތައް ކުރަމުން ދަނިކޮށް، ޣައްޒާގައި އިއްޔެ ކުރިޔަށް ދިޔަ ކައިވެނީގެ ޙަފްލާ އަކަށް އަމާޒުކޮށް ޒައެނިސްޓުން ބޮން އަޅައި މަދުވެގެން ހަމީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.

ޒައެނިސްޓުން ދިން ޙަމަލާގައި ޒަޚަމްވެފައިވާ ޣައްޒާގެ މީހަކު ހޮސްޕިޓަލަށް ގެންދަނީ: އިއްޔެގެ ޙަމަލާގައި ހަމީހުން ވަނީ ޝަހީދުވެފަ.
އަލްޖަޒީރާ އިން ބުނީ އިސްރާއީލުން މި ޙަމަލާދީފައި ވަނީ ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ރައްޔިތުންނެއް ބޯހިޔާވަހިކަން ހޯދަމުންދާ ސްކޫލަކަށް އަމާޒު ކޮށެވެ. އެ ވަގުތަކީ ކައިވެނީގެ ޙަފްލާގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ ޢާންމުން އެއްވެފައިވާ ވަގުތެކެވެ. އެތަނުގައި ގިނަ ޢަދަދަކަށް އަންހެނުންނާއި ކުޑަކުދީން ވެސް ތިއްބެވެ.
ޣައްޒާގެ ޤަތުލުޢާންމު ހުއްޓުވުމަށް އެމެރިކާ އަށް ޢަރަބީން (ޚާއްޞަކޮށް ސައޫދީ ޢަރަބިއްޔާއިން) ޕްރެޝަރު ކުރުމުން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު ޣައްޒާ ދޫކޮށް ދިޔަނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އެތައް ފަހަރަކު ޒައެނިސްޓުން ވަނީ ޚިލާފު ވެފައެވެ.









