އާ އަހަރު ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.
އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިއު އިޔާ ފެސްޓިވަލް" އިން ސްޓޯލް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ފަސްޓް ކަމް- ފަސްޓް ސާވް" އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނެ ކަމުގައި އެޗްޑީސީން ވަނީ ބުނެފަ އެވެ.
ނިއު އިޔާ ފެސްޓިވަލްގައި ސްޓޯލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ސްޓޯލްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ނަމްބަރު 1516 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެޗްޑީސީން އެދިފައިވެ އެވެ.






