ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް ހޯމްލޭންޑް މިނިސްޓްރީން ނިންމައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަަމަވެފައިވާ ބިދޭސީންގެ ހުއްދަ ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަަލައިޒޭޝަން ޕްރޮގްރާމް"، އަންނަ ޖެނުއަރީގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމަޔަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއުލާނުގައިވާ ގޮތުން އެ ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނެ ޝަރުތުތައް:
- ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން.
- އެއްވެސް ސަބަބަކާހުރެ ބްލެކްލިސުޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން.
- ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން؛
- ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތްތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަކަށް ނުވުން.
- ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން؛
- އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
- މިއަހަރުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން.
މިނިސްޓްރީން ބުނީ ވަޒީފާދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓްކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 1485 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެެވެ. އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތާއި ބަޔޯމެޓްރިކްސް ވަނީ ނަގާފައެެވެ. އަދި ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބަޔޯމެޓްރިކްސް ދީފައިނުވާ 509 ބިދޭސީއަކު މިހާތަނަށް ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.





