މީޑިއާތަކަށް ފައިސާދިނުމަށް މީޑިއާ ކޮމިޝަނާއެކު އެއްބަސްވުމެއް

މުހައްމަދު ޖަމްޝަތު | 9 ގަޑިއިރު ކުރިން - 18 ޑިސެންބަރު 2025 20:54
މީޑިއާ ތަކަށް މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް ޔޫތް މިނިސްޓްރީ އާއި އެމްއެމްބީސީ އާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން---ފޮޓޯ:އެމްއެމްބީސީ
މީޑިއާ ތަކަށް މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް ޔޫތް މިނިސްޓްރީ އާއި އެމްއެމްބީސީ އާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން---ފޮޓޯ:އެމްއެމްބީސީ
ޚުލާސާ

މި ފައިސާ ލިބޭނީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާ ތަކާއި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އޮންނަ މީޑިއާތަކަށް

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު އަހުމަދުއެވެ. އެމްއެމްބީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.

މިނިސްޓްރީން ބުނިގޮތުގައި މިއެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާއި ގުޅިގެން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެކެވެ.

މި އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިއުމަށް ހަވާލުކުރުމެވެ.

މި އެމްއޯޔޫގެ ދަށުން މާލީ އެހީލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ވުޒާރާ އާއި ހިއްސާކުރުމާއެކު އެ ފައިސާ މާލީ ވުޒާރާ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެއެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް އެމްއޯޔޫއެއް އެކުލަވާލިއިރު މިދިޔަ ސެޕްޓެމްބަރު މަހު އެ އެހީ ލިބޭ މީޑިއާތައް ކަނޑައެޅިއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާއެކު އިންސާފުވެރިކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އެ މަސައްކަތް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކުރުމަށް އޭރު އޮތީ ނިންމާފައެވެ.

މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތައެވެ. ފައިސާ ދޫކުރާނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ.

މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%