ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ޓަވަރުތަކުގައި އިތުރު ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހިޔާގެ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް ކަމަށެވެ.
މި ކެމެރާތާކުގެ އެހީގައި ހިޔާ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް އެޗްޑީސީން ކޮށްފައިވާ ޕޯސްޓުގައި އިތުރަށް ވަނީ ބުނެފަ އެވެ.
ހިޔާ ޓަވަރުތަކުގެ އެތެރޭގައި މިހާރު ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ. އެގޮތުން ޓަވަރުގެ އެތެރޭގައި ކޮންމެ ފްލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ. އެހެން ކަމުން މި ފަހަރު ސީސީޓީވީ ކެމެރާ ހަރުކުރަން ހަމަޖެހިފައިވަނީ ހިޔާގެ ޓަވަރުތަކުގެ ބޭރުގަ އެވެ.
ހިޔާ ސަރަހައްދަކީ އާބާދީ ބޮޑު ސަރަހައްދެއް ކަމުން މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ އެވެ.





