2040 ވަނަ އަހަރާއި ހަމަޔަށް މިޞްރަށް ބޭނުންވާ ގޭސް ގަތުމަށް އިސްރާއީލާއި އެކު 112 ބިލިއަން ޝެކެލް (35 މިލިއަން އެމެެރިކާ ޑޮލަރު)ގެ އެއްބަސްވުމެއްގައި ސޮއިކޮށް ފެށޭ އަހަރުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން މިޞްރަށް ގޭސް ފޯރުކޮށްދޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
މިއީ އިސްރާއީލުގެ ތާރީޚުގައިވެސް އެ ޤައުމުން ހެދި އެންމެ ބޮޑު ޤުދުރަތީ ގޭސް ޑީލެވެ. އިސްރާއީލުން ގޭސް ފޯރުކޮށްދޭ ދެޤައުމަކީ ހަމައެކަނި މިޞްރާއި ޖޯޑަން އަށެވެ. މިޞްރުން އެންމެ ފުރަތަމަ އިސްރާއީލުގެ ގޭސް ގަންނަން ފެށީ 2020 ގައެވެ. މިއީ އެމެރިކާ އިން އެދިގެން މިޞްރާއި އިސްރާއީލާއި އެކު ވެވުނު އެއްބަސްވުމެކެވެ. އެހެނީ 1979 ވަނަ އަހަރު އިސްރާއީލާއި ކޮނޑާއިކޮނޑު ޖައްސައި އަތާއިއަތް ގުޅައިލުމަށް މިޞްރުން އެއްބަސްވީ ވެސް އެމެރިކާ އެދިގެންނެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާއިން ކޮންމެ އަހަރަކު މިޞްރަށް 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
މިޞްރަކީ މީގެ ކުރިން އެ ސަރަޙައްދުގައި ވެސް އޮތް އެންމެ ބޮޑު ގޭސް ސަޕްލަޔަރެވެ. 2017 ވަނަ އަހަރާއި ޖެހެންދެން ގޭހުގެ ސަރަޙައްދީ ބާރަކީވެސް ޤާހިރާއެވެ. ތުރްކިޔޭ އަށާއި ގްރީސް އަށާއި އިޓަލީ އަށް މިޞްރުން ގޭސް ފޯރުކޮށްދެއެވެ. ނަމަވެސް މިހާރު މިޞްރަށް ބޭނުންވާ މިންވަރަށް ގޭސް ނުލިބޭތީވެ އިސްރާއީލުން ގޭސް ގަތުމަށް ނިންމީ ކަމަށް މިޞްރުން ބުނެއެވެ.
މިޞްރަށް އިސްރާއީލުން ގޭސް ފޮނުވާނީ ލުބުނާނުގެ ކައިރީގައިވާ އެމެރިކާ އާއި އިސްރާއީލުން ޤާއިމްކޮށްފައިވާ ލެވިއަތަން އޮފްޝޯ ފީލްޑުންނެވެ. މިއީ އެމެރިކާގެ އެހީތެރިކަމާއި އެކު މެޑިޓެރޭނިއަން ކަނޑުގެ 1700 އެއްހާ މީޓަރު އަޑިން ކަނޑުއަޑީގައިވާ ފަށަލަ ފަސްކިލޯމީޓަރަށް ތޮރުފައިގެން ނަގާ ޤުދުރަތީ ގޭހެވެ. އެތަނުން 630 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ނެގޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު އޭގެތެރެއިން މިޞްރަށް ވިއްކަން އެއްބަސްވެފައި ވަނީ 130 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ކަމަށް އިސްރާއީލުން ބުންޏެވެ. އެއި 2040 ވަނަ އަހަރާއި ހަމަޔަށެވެ. މިޞްރު އިސްރާއީލުގެ ގޭސް ގަންނަން ނިންމީ
ޣައްޒާ ސަރަޙައްދުގައި ވެސް ބޮޑު ގޭސް ރިޒާވެއް އެބަހުއްޓެވެ. ނަމަވެސް އިސްރާއީލުން ވަނީ އެތަނުގެ ކޮންޓްރޯލް ނަގާފައެވެ.






