ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް މޫސާ އަލީ ޖަލީލް ވާދަކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 38 ދުވަސް ކުރިން - 17 ޑިސެންބަރު 2025 20:52
މޫސާ އަލީ ޖަލީލް - އޭނާ އަށް ވަނީ މިދިޔަ އަހަރުގައި ސަރުކާރުގެ ފަރާތުން ނިޝާން އިއްޒަތުގެ ޝަރަފު އަރުވާފައި---ފޮޓޯ: ރައީސް އޮފީސް
މޫސާ އަލީ ޖަލީލް - އޭނާ އަށް ވަނީ މިދިޔަ އަހަރުގައި ސަރުކާރުގެ ފަރާތުން ނިޝާން އިއްޒަތުގެ ޝަރަފު އަރުވާފައި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޕްރައިމަރީގައި ވާދަކުރުމަށް އިތުރު ކެނޑިޑޭޓަކު ނަން ހުށަހަޅާފައި ނުވޭ. ނިޝާން އިއްޒުއްދީންގެ ޝަރަފު އޭނާ އަށް އަރުވާފައިވަނީ މިދިޔަ އަހަރު.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ނިޝާން އިއްޒަތުގެ ވެރިޔާ މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބަށް އެ ޕާޓީން ހަމަޖައްސާފައިވާ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބަށް ޕީއެންސީގެ ޓިކެޓު ހޯދުމަށް ހުޅުވާލި ފުރުސަތުގައި މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވަން ހުށަހަޅުއްވާފައިވަނީ އެންމެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ފަލާހު ވިދާޅުވެފައެއް ނުވެ އެވެ.

އެއީ ކޮން ބޭފުޅެއް ކަން ފަލާހު ވިދާޅުނުވި ނަމަވެސް އެ މަގާމަށް ކުރިމަތިލައްވާފައިވަނީ މޫސާ އަލީ ޖަލީލުކަން މީޑިއާ ތަކަށް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. މޫސާ އަީ ޖަލީލު ވަނީ މޭޔަރު ކަމަށް ކެމްޕެއިން ކުރައްވަންވެސް ފަށްޓަވާފަ އެވެ.

ނިޝާން އިއްޒުއްދީންގެ ލަގަބު މޫސާ އަލީ ޖަލީލަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަރުވަނީ---ފޮޓޯ: ރައީސް އޮފީސް

މޫސާ އަލީ ޖަލީލަށް ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވާފައިވަނީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަކީ އަސްކަރީ ދާއިރާގައި 32 އަހަރު ވަންދެން މަސައްކަތްކުރި ބޭފުޅެކެވެ. ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 9 ވަނަ ދުވަހު، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ހިސާބުގަ އެވެ.

ދިވެހި ސިފައިންގެ ހިދުމަތާ މޫސާ އަލީ ޖަލީލު ގުޅިވަޑައިގަތީ 1980 ވަނަ އަހަރު ޖުލައި މަހުގެ 3 ވަނަ ދުވަހުގަ އެވެ. ދިވެހި އަސްކަރިއްޔާގައި އޭނާ ވަނީ އަސްކަރީ ޔުނިޓުގެ ކޮމާންޑަރުގެ މަގާމާއި ކޯސްޓް ގާޑުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ޕީއެންސީން ތައްޔާރުވަމުންދާއިރު ފަލާހު ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރަން ހުށަހެޅި ކެނޑިޑޭޓުންގެ އަދަދު 97 އިންސައްތަ އަށް އަރާ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރަންޖެހޭ ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%