ދަންވަރު ބޭރުގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް ފިޔަވަޅު އަޅަން ފަށަނީ

މުހައްމަދު ޖަމްޝަތު | 1 ދުވަސް ކުރިން - 17 ޑިސެންބަރު 2025 16:41
ބިދޭސީއަކު މަގުމަތިން ހުއްޓުވައި ސުވާލުކުރަނީ---ފޮޓޯ:ޚުލާސާ
ބިދޭސީއަކު މަގުމަތިން ހުއްޓުވައި ސުވާލުކުރަނީ---ފޮޓޯ:ޚުލާސާ
ޚުލާސާ

މިރެއިން ފެށިގެން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރާނެ

ރޭގަނޑު ދަންވަރު އާއްމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް ފިޔަވަޅު އަޅާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުންދާ ކަމަށެވެ.

އެހެންކަމުން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން އަންގަވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓާ ގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވާއިދުވެސް މި ހަފްތާގައި ވަނީ އާއްމުކޮށްފައެވެ.

އެ ގަވާއިދުގައި ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތްތަށްވެސް ވަނީ ބަޔާންކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%