ސިނަމާލެ ފްލެޓުތަކާއި އަދި މާލެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސުކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފްލެޓުތަކުގެ މަރާމާތުގެ މަސައްކަތްތައް ކުރުމާއި، އެތަންތަނާ ގުޅޭ އެހެނިހެން ކަންކަން ބެލެހެއްޓުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން އެކަންކަން ކުރަމުން ނުދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިނަމާލެ ފްލެޓްތަކާއި މާލެ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތަކެއް އެމަނިކުފާނު ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކެންސަލްކުރެއްވި ކަމަށާއި ސިޓީ ކައުންސިލުން އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"މިއީ ހަމަ ސީރިއަސް އިޝޫތައް. އަޅުގަނޑު ތިބޭފުޅުންގެ ކަންބޮޑުވުންތަކަށް ކިހިނެއްތޯ އެޑްރެސްކުރެވޭނީ ބަލާނަން. ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. އެހެންވީމަ ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެން ކުރެވޭނެ ކަމެއް ކޮށްދޭނަން. ކޮންމެ ގޮތަކަށް ނަމަވެސް މި ތަނަކީ ރައްޔިތުންނަށް ލިބިފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަމެއް. ރައްޔިތުން އުޅެމުންދާ ތަންތަން. އެ ތަނުގެ ރައްޔިތުން އެތާ އުޅުމަށް ވަރަށް ގިނަ ތަހައްމަލުތަކެއް އުފުލަމުންދާ ތަނެއް. އެހެންވީމަ މި ތަންތަނުގައި އުޅެމުންދާއިރު އެންމެ ރަނގަޅު ގޮތެއް ވާން ޖެހޭނީ" ރައީސް ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ވެސް ހޯދައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު، މި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވި އެވެ.









