52 މަސާޖު ޕާލާއެއް ހަފްތާއެއްގެ ތެރޭ ބަންދުކޮށްފި: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 16 ޑިސެންބަރު 2025 23:16
ގަލޮޅުގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ގަލޮޅުގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޭގެ ތެރެއިން 24 ތަނަކީ އޮންނަ އުސޫލުގެ ތެރެއިން ބަލައި ފާސްކޮށް ބަންދުކުރި ތަންތަން. ބާކީ 28 ތަނަކީ މިފަދަ އޮޕަރޭޝަނެއް ކުރިއަށްދާތީ އަމިއްލައަށް ބަންދުކުރި ތަންތަން.

މާލެ ސިޓީގައި ހިންގާ 52 މަސާޖު ޕާލާއެއް ހަފްތާއެއްގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ދެެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މަސާޖު ޕާލާގެ މައްސަލައަކީ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އުސޫލުގެ ތެރެއިން ކޮންމެ ދުވަހަކުވެސް މުއައްސަސާތައް ގުޅިގެން ބަލަމުންދާ މައްސަލައެއް ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމާއި ގުޅިގެން ސަރުކާރުން އެކަމަށް ފޯކަސް އެއް ދީ އިތުރު މަސައްކަތްތަކެއް ކުރަން ނިންމި ކަމަށެވެ. އެގޮތުން މުއައްސަސާތައް ގުޅިގެން އިތުރު ހިތްވަރެއްލާ ރިސޯސްތައް ބޭނުންކޮށްގެން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެކަމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި އޮޕަރޭޝަން ފެށި މިއަދާ ހަމައަށް 52 މަސާޖު ޕާލާއެއް ބަންދުކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 24 ތަނަކީ އޮންނަ އުސޫލުގެ ތެރެއިން ބަލައި ފާސްކޮށް ބަންދުކުރި ތަންތަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބާކީ 28 ތަނަކީ މިފަދަ އޮޕަރޭޝަނެއް ހިންގާތީ އަމިއްލައަށް ބަންދުކުރި ތަންތަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތާނގައި ރެއާއި ދުވާލު ކޮންމެ ދުވަހެއްގައި މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށާއި އޭގެ ހެޔޮ ނަތީޖާ ހަފްތާއެއް ތެރޭގައި ފެނިއްޖެ ކަމަށެވެ.

ބަންދުކުރި ތަންތަނުގައި ނުގަވައިދުން އުޅުނު 10 ވަރަކަށް ބިދޭސީން ހައްޔަރުޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން އެމީހުން ޑީޕޯޓު ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމައުގައި ހުރި މިކަހަލަ މައްސަލަތައް ހައްލުކުރަން. އެހެންވީމަ ރައްޔިތުން މިގޮތަށް ދެއްވާ ހިޔާލުތައް ވަރަށް އީޖާބީ ގޮތެއްގައި، ވަރަށް ޕޮޒިޓިވް ގޮތެއްގައި އަޅުގަނޑުމެން މި ބަލައިގަންނަނީ." ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ދެއްވާ ކޮންމެ ހިޔާލަކީ ވެސް ވަަރަށް މުހިންމު ހިޔާލެއް ކަމަށާއި ރައްޔިތުން ހުރިހާ ކަމެއް ހުއްޓާލާފައި ވަގުތު ހުސްކޮށްލައިވައިގެން އެމަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަނެ ދެއްވާ ހިޔާލުފުޅުތަކަށް އޮންނަ ނިޒާމުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%