ސިންގަޕޯ އެއާލައިނާއެކު އެންމެ ފުރަތަމަ އާ ޓާމިނަލުން އެއާބަސް 350 ގެ ފުލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރު

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 16 ޑިސެންބަރު 2025 21:51
ސިންގަޕޯ އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް އެމްއޭސީއެލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި---ފޮޓޯ: އެމްއޭސީއެލް
ސިންގަޕޯ އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް އެމްއޭސީއެލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި އެއާލައިނާއެކު އާ ޓާމިނަލް 1 އިން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައި.

ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 އިން ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފި އެވެ.

އާ ޓާމިނަލުން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމުގެ ގޮތުން ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރާއި ސިންގަޕޯގެ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާނުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ.

ސިންގަޕޯ އެއާލައިނަށް އާ ޓާމިނަލުން ހިދުމަތްދޭން ފެށުމާއެކު އެ އެއާލައިނުން ރާއްޖެ އައި އެއާބަސް 350 ގެ މަރުކާގެ ބޯޓު ވެފައިވަނީ އެފަދަ ބޯޓަކަށް އާ ޓާމިނަލުން މަރުހަބާކި ފުރަތަމަ ފަހަރެވެ. ސިންގަޕޯ އެއާލައިންސް ވެފައިވަނީ ނިމިދިޔަ އަހަރު ދުނިޔޭގައި ހިދުމަތްދޭ އެންމެ ފެންވަރު ރަނގަޅު ދެވަނަ އެއާލައިނަށެވެ. އެއްވަނަ ލިބިފައިވަނީ ގަތަރު އެއާލައިނަށެވެ.

ޓާމިނަލް 1 އިން އެއާލައިނަށް ހިދުމަތް ދިނުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިނުގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ. އަދި އެ އެއާލައިން ފުރި 205 ފަސިންޖަރުންނަށް އެމްއޭސީއެލްގެ ފަރާތުން ވަނީ ހަދިޔާ ދީފަ އެވެ. މީގެ އިތުރުން އާ ޓާމިނަލް ކައިރިކުރި އެ އެއާލައިންގެ SQ432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ސިންގަޕޯ އެއާލައިނުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފަށާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި 1984 ވަނަ އަހަރުގަ އެވެ.

މި އެއާލައިނާއެކު އާ ޓާމިނަލް 1 އިން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 32 އަށް އަރާފަ އެވެ. އެއާޕޯޓުގެ ހިދުމަތް ދެމުން އަންނަ އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށާއި ފަސިންޖަރުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%