ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންގެ ސުލޫކީ މިންގަނޑު އާއްމުކޮށްފި

މުހައްމަދު ޖަމްޝަތު | 40 ދުވަސް ކުރިން - 16 ޑިސެންބަރު 2025 19:42
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން----ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން----ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ މީޑިއާ ކޮމިޝަނުން ފިޔަވަޅު އަޅާނެ

ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުކޮށްފިއެވެ.

ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑެއް އާންމުކުރުމަކީ މިއަހަރު އަލަށް އެކުލަވާލައި އަމަލުކުރަމުން އަންނަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

މީޑިއާ ކޮމިޝަނުން އާއްމުކުރި މި ސުލޫކީ މިންގަނޑުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާއި މިންގަނޑުތަކާއި މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.

ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ ހަމަތައް:

• އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން

• ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން

• އިޖުތިމާއީ އަހުލާގާއި އާންމު ނިޒާމު ހިފެހެއްޓުން

• މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން

• އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން

• ތެދު މައުލޫމާތު ހާމަކުރުމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން

• އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުން

• މުޖުތަމައުގައި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ހާއްސަ ރައްކާތެރިކަމާއި ސަމާލުކަމެއް ދިނުން

• ހަބަރާއި މައުލޫމާތު ފެތުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް ގެއްލުންވާނެ ފަދަ ހަބަރާއި މައުލޫމާތު ނުފެތުރުން

ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި ކޮޕީރައިޓު ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއް ވެސް ހިމަނާފައިވައެއެވެ. އެގޮތުން އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ފަރާތެއްގެ އުފެއްދުމެއް ބޭނުންކުރުމުގައި އޭގެ އަސްލު އޮޅުވައިލައިގެން އެއީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްނުދިނުމަކީވެސް މިންގަނޑާ ހިލާފު ކަމެކެވެ.

ސުލޫކީ މިންގަނޑުގައި ކޮންޓެންޓް އުފެއްދުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި އެ ކޮންޓެންޓަކީ އެ ފަދަ ގޮތަކަށް އުފައްދައިފައިވާ ކޮންޓެންޓެއްކަން ބަޔާންކުރަންޖެހޭނެއެވެ. އަދި އޭއައި ބޭނުންކުރަންވާނީ ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމުގައި އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި ކަމާއި މި ގޮތުން ގެނެސްދޭ މައުލޫމާތަކީ އޭގެ ތެދުކަން ކަށަވަރުކޮށްފައިވާ މައުލޫމާތަކަށް ވާންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާއަކުން، ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެެވެ.

މީގެ އިތުރުން ސުލޫކީ މިންގަނޑާ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ހިލާފުވެއްޖެނަމަ، ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގިދާނެއެވެ. އަދި މައާފަށް އެދުމަށާއި ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެމަތިން، ކުށުގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް އެންގިދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%