ދޯންޏެއް ދިޔަވުމުގެ ސަބަބުން ކަނޑުވި އުމުރުން ދުވަސްވީ މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު މިއަދު 11:50 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުން ދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށާއި، އެ މީހާއަކީ 68 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.
އެ މީހާ ދަތުރުކޮށްފައިވަނީ އެކަނިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.






