ނަތަންޔާހޫ ”ގޮޅިއަށް ފައްތާނެ” - އަލްބަނީޒް

ޢަބްދުﷲ ޖުނައިދު | 40 ދުވަސް ކުރިން - 15 ޑިސެންބަރު 2025 22:36
ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ގޮތުން އދ. އިން ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު އަދި އިޓަލީގެ ޤާނޫނީ ވަކީލު ފްރާންސެސްކާ އަލްބަނީޒް
ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ގޮތުން އދ. އިން ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު އަދި އިޓަލީގެ ޤާނޫނީ ވަކީލު ފްރާންސެސްކާ އަލްބަނީޒް
ޚުލާސާ

ޣައްޒާގައި ޖަރީމާ ހިންގި މީހުންނާއި ޝަރީޢަތް އަރައި ހަމަކުރާނެ ކަމަށް އދ ގެ ޚާއްޞަ މަންދޫބު ފްރާންސެސްކާ އަލްބަނީޒް ވިދާޅުވެއްޖެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރު ބޮޑުވި ނަމަވެސް ޣައްޒާގައި ހިންގި ޤަތުލުޢާންމުގެ ވާހަކަތައް ދައްކާނެ ކަމަށާއި، ޙަޤީޤަތް ނުފޮރުވާނެ ކަމަށް، ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ގޮތުން އދ. އިން ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު އަދި އިޓަލީގެ ޤާނޫނީ ވަކީލު ފްރާންސެސްކާ އަލްބަނީޒް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޣައްޒާގައި ޖަރީމާ ހިންގި މީހުންނާއި (ނަތަންޔާހޫ އާއި އޭނާގެ ބައިވެރިންނާއި ދެކޮޅަށް) ޝަރީޢަތް އަރައި ހަމަކުރާނެ ކަމަށެވެ. އޭނާ މާނަކުރެއްވީ ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރަށެވެ.

އަލްބަނީޒް މިހެން ވިދާޅުވިޔަސް، ނަތަންޔާހޫ ހައްޔަރުކުރަން މިހާރު އެ އޮތް އަމުރު އެހެން އޮތަސް، ކައިރި މުސްތަޤްބަލެއްގައި ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަކީ ގާތް ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގައި އައިސީސީގެ އަމިއްލަ ބާރު ތަންފީޛު ކުރުމުގެ ބާރެއް ނެތުމުންނެވެ. އިސްރާއީލަކީ އެ ކޯޓުގެ މެމްބަރެއް ނޫނެވެ. މާނައަކީ އެޤައުމުގެ އެތެރެއިން ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެ ކަމެވެ. ދެން އޮތީ އައިސީސީގެ އަމުރު ހިނގާ ޤައުމަކަށް އޭނާ ދަތުރުކޮށްފި ނަމަ އެ ޤައުމަކުން އޭނާ ހައްޔަރުކުރުމެވެ. އެމެރިކާ ފަދަ ޤައުމުތަކުން އޭނާ ހައްޔަރުކުރުމާއި ދެކޮޅު ހަދައެވެ.

ކޮންމެޔަކަސް، އދ ގެ ރެޕެޓުއާ ވިދާޅުވަނީ ނަތަންޔާހޫ އާއި އިންސާފު އަރައި ހަމަކުރާނެ ކަމަށެވެ. ލަންޑަނުގައި ތުރްކިޔޭގެ އަނަދޮލު އެޖެންސީއަށް ދިން އިންޓަވިއު އެއްގައި އަލްބަނީޒް ވިދާޅުވީ "ޙަޤީޤަތް ސިއްރު ނުކުރެވޭނެ" ކަމަށެވެ.

ޣައްޒާގައި ހިންގާ ޖަރީމާތައް ތަޙްޤީޤުކޮށް ނަތަންޔާހޫ އާއި ދެކޮޅަށް ދަޢުވާ ކުރަން ޖެހޭ ކަމަށް ތަކުރަރުކުރައްވަމުން އޭނާ ވިދާޅުވީ އިސްރާއީލުގެ ވެރިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވެފައި ކަަމަށާއި ޣައްޒާގައި ޖަރީމާ ހިންގުމަށް އެހީވާ ފަރާތްތައް ވެސް ޖަވާބުދާރީވާން ޖެހޭނެއެވެ.

އިޓަލީގެ އިންސާނީ ޙައްޤުތަކާއި ބެހޭ މާހިރު ވިދާޅުވީ އޭނާ އާއި ދެކޮޅަށް ކުރާ ޕްރެޝަރު ބޮޑުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޖިސްމާނީ ގޮތުން އަނިޔާ ދިނުމަށް ވެސް އިންޒާރުތައް އައިސްފައިވާ ކަމަށެވެ. އޭނާ ސިފަކުރެއްވީ އެ ގޮތަށް އިންޒާރުދީ ހަދަނީ ހުޅަނގުގެ މުނާފިޤުންނެވެ.

އަލްބަނީޒް މި ވާހަކަތައް ދައްކަވާފައި ވަނީ އެމެރިކާ އާއި އިސްރާއީލުގެ ބައެއް ވެރިންނާއި ދެކޮޅަށް އައިސީސީން އަޅަން އުޅޭ ފިޔަވަޅު ތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ތުހުމަތު ކުރެއްވުމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%