ނިމިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 35.1 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
އެންސްޕާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު މަހު ރާއްޖެއިން ފަރުވާ ކުރުމަށް 20.5 މިލިއަން ރުފިޔާ އެ އެޖެންސީން ހަރަދުކޮށްފައިވާއިރު ރާއްޖޭން ބޭރުން އެހީ ހޯދި ފަރާތްތަކަށް 14.5 މިލިއަން ހަރަދުކޮށްފައިވެ އެވެ.
މި އަދަދުތަކަކީ އޮކްޓޫބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން ހަރަދުކުރި ވަރަށް ބަލާއިރު 10 މިލިއަން ރުފިޔާގެ މަދު އަދަދެކެވެ. އޮކްޓޫބަރު މަހު އެ އޭޖެންސީން މުޅި ޖުމްލަ ބޭސްފަރުވާގެ އެހީއަށް 45.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ރާއްޖެއިން ފަރުވާ ކުރުމަށް 28.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ރާއްޖޭގެ ޕްރައިވެޓް ތިން ހޮސްޕިޓަލަކުން ފަރުވާ ހޯދި ކޭސްތަކުގެ ތެރެއިން 888 ކޭހަކަށް އެންސްޕާއިން އެހީ ދީފައިވެ އެވެ. އެއީ މުޅި ޖުމްލަ 15.1 މިލިއަން ރުފިޔާ އެވެ. އޮކްޓޫބަރު މަހު މި އަދަދު އުޅެނީ 12.8 މިލިއަން ރުފިޔާގަ އެވެ. އެއީ މުޅި ޖުމްލަ 1،002 ކޭސް އެވެ.
އެންސްޕާއަކީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އެޖެންސީ އެކެވެ. އެގޮތުން ދައުލަތުގެ އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ މުހިންމު އެޖެންސީއެކެވެ. ނޮވެމްބަރު 2025ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،938 މީހުން ރަޖިސްޓްރީވެފައިވެ އެވެ. މި ފަރާތްތަކަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަން ފަސޭހަކޮށްދިނުމަށް ދައުލަތުން ދަނީ ގިނަ ކަންތައްތަކެއް ފަހިކޮށްދެމުންނެވެ.





