ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ ކެނަބިސް ފަތް އަތުލައިގަނެފި

މުހައްމަދު ޖަމްޝަތު | 40 ދުވަސް ކުރިން - 15 ޑިސެންބަރު 2025 16:29
ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 3 ކިލޯގެ ކެނަބިސް---
ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 3 ކިލޯގެ ކެނަބިސް---
ޚުލާސާ

މި ތަކެތި އަތުލައިގަނެފައިވަނީ 13 ޑިސެމްބަރުގައި. އޭގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނޭ

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ހާމަކުރިގޮތުގައި އަތުލައިގަނެފައިވަނީ ކެނަބިސް ފަތްތަކެކެވެ. އެތަކެތީގެ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް) ހުރިއިރު އެ ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ، މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މިބިލުގައިވާ ގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ވައިގެ މަގުންނާއި، ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި، ފުލުހުންނަށް ލިބޭ ބާރުތައްވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށި ކޮށްފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%