ތުރްކިޔޭ އިން ޣައްޒާއަށް 19300 ޓަނުގެ އެހީ ފޮނުވައިފި

ޢަބްދުﷲ ޖުނައިދު | 31 ދުވަސް ކުރިން - 15 ޑިސެންބަރު 2025 10:59
ބިންމަތީގައި ބްލެންކެޓު އަޅައިގެން ޣައްޒާގެ ކުޑަ ދެކުދިން ނިދާފައި. ފިނިން ސަލާމަތްވާނެ ތަކެތި ނުލިބިއްޖެނަމަ ޣައްޒާގެ ގިނަ ބަޔަކު މި ފިނި މޫސުމުގައި މަރުވެދާނެ.
ބިންމަތީގައި ބްލެންކެޓު އަޅައިގެން ޣައްޒާގެ ކުޑަ ދެކުދިން ނިދާފައި. ފިނިން ސަލާމަތްވާނެ ތަކެތި ނުލިބިއްޖެނަމަ ޣައްޒާގެ ގިނަ ބަޔަކު މި ފިނި މޫސުމުގައި މަރުވެދާނެ.
ޚުލާސާ

ފިނިމޫސުމުގައި ޣައްޒާއިން މީހުން މަރުވަމުންދާތީވެ ތުރްކިޔޭގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ ހޫނު ކާނާ ފޯރުކޮށްދިނުމާއި ބްލެންކެޓާއި އަންނައުނު ފޯރުކޮށްދިނުން ކަމަށް އެ ޤައުމުން ބުނޭ

ޙާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ތުރްކިޔޭގެ 19 ވަނަ ބޯޓު ގޮސްފިއެވެ. ތުރްކިޔޭގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ގާތްގަނޑަކަށް 1،300 ޓަނުގެ މުދާ އެ ބޯޓުން ޣައްޒާއަށް ފޮނުވާފައިވާއިރު، މިހާތަނަށް ފޮނުވި އަނެއް 18 ބޯޓާއި އެކު ފޮނުވި އެހީގެ ޢަދަދު 19,300 ޓަނަށް އަރާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހަނގުރާމަ އަށް ފަހު ޣައްޒާގެ ގިނަ ރައްޔިތުން ނިދަނީ ބިންމަތީގައެވެ. މި ފިނި މޫސުމުގައި ބިންމަތީގައި ނިދަން ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުނން ޖެހިފައި ވަނީ ހޫނުކުރާނެ ގޮތަކާއި ހޫނު ކާއެއްޗެއްސެވެ.

ތުރްކިޔޭގެ ބޯޓުން ގެންދިޔަ މައިގަނޑު ސާމާނަކީ ވެސް ފިނިން ސަލާމަތްވުމަށްޓަކައި ބޭނުންވާނެ ތަކެއްޗާއި ކާބޯތަކެއްޗާއި ސާފުތާހިރުކަމަށް ބޭނުންވާ ސާމާނާއި އަންނައުނު ކަމަށް އެ ޤައުމުން ބުނެއެވެ.

ޑަބްލިޔޫއެޗްއޯއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައާއި އެކު މި ފިނި މޫސުމުގައި ޣައްޒާގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން 10 މީހަކު މަރުވެފައިވާ ކަމަށެވެ.

ތުރްކީވިލާތުން ދަނީ މި ފިނި މޫސުމުގައި ކޮންމެ ދުވަހަކު ވެސް ޣައްޒާގެ ރެޑް ކްރެސެންޓް މެދުވެރިކޮށް 35,000 މީހުންނަށް ކޮންމެ ދުވަހަކު ހޫނު ސޫޕް ފޯރުކޮށްދެމުންނެވެ.

ފިނިމޫސުމުގައި ހޫނު ސޫޕް އެއީ ކޮންމެ ގެއެއްގައި ވެސް ހުރުން ލާޒިމް އެއްޗެއް ކަމަށް ވާއިރު، ތުރްކިޔޭއިން ވަނީ މިހާތަނަށް 8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ސޫޕާއި ކެއުން ފޯރުކޮށްދީފައި ކަމަށް އޮފިޝަލުން ބުނެއެވެ.

މިއަދު ހެނދުނު ޣައްޒާގެ ފިނިހޫނުމިން ހުރީ 11 ޑިގްރީގައެވެ. މި ދަރަޖައިގައި ފިނިހޫނުމިން ހުންނައިރު ވާހަކަ ދައްކާއިރު އަނަގައިން ދުން (ފިނި) ނުކުންނާނެއެވެ. ހޫނުކުރާނެ ގޮތެއް ނެތް ނަމަ ޚާއްޞަކޮށް ކުޑަކުދިން ވަރަށް ބޮޑަށް ހީކަރުވައި ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%