ޒައެނިސްޓުންގެ ޙަމަލާތަކުގައި 90 ޕަސަންޓުގެ ގެތައް ސުންނާފަތި ކޮށްލާފައިވާ ޣައްޒާއަށް މި ފިނި މޫސުމުގައި ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ފޭލިގެތައް ހަލާކުވެ 10 މީހުން މަރުވެއްޖެއެވެ.
މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ.
ޣައްޒާ ހަނގުރާމަ “ޑޮކިއުމެންޓުން” ނިންމާލާފައިވިޔަސް އަދިވެސް ޒައެނިސްޓުން ދަނީ ދޭތެރެދޭތެރެއިން ޙަމަލާތައް ދެމުންނެވެ. ކުރިން ދިން ޙަމަލާ ތަކުގައި އެތައް ފަހަރަކު ގެދޮރުން ފިލައިގެން ދާން މަޖުބޫރުވެފައިވާ އެތައް ހާސް ޢާއިލާތަކަށް މިހާރު އެކަށީގެންވާ ރަނގަޅު ބޯހިޔާވަހިކަމެއް ނެތް އިރު، މި ފިނި މޫސުމުގައި ހޫނުކުރާނެ ގޮތެއް ވެސް ނެތެވެ. ލާން ގެންގުޅޭ ހެދުންތައް ތެމި ފޯވެފައި ވާއިރު، އެ ހިއްކާނެ ގޮތެއް ވެސް ގިނަ މީހުންނަކަށް ނެތެވެ.
އިންސާނީ އެހީ ދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޣައްޒާ އަށް އެހީ އާއި ހިޔާވަހިކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވާތީ، މި ފިނިމޫސުމުގެ ފިނިކަން ގަދަވާ ވަރަކަށް މީހުން މަރުވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.









