ތައިލެންޑްގައި އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް، ސަމާލުވުމަށް އިލްތިމާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 14 ޑިސެންބަރު 2025 13:44
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބޯޑު. މި ބޭސްތައް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑްތަކުގެ ބޭސް އިމްޕޯޓުކޮށްފައިނުވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފަ --- ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބޯޑު. މި ބޭސްތައް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑްތަކުގެ ބޭސް އިމްޕޯޓުކޮށްފައިނުވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފަ --- ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ޚުލާސާ

މި ބޭސްތަކުން ފެނިފައިވަނީ "އެންޑީއެމްއޭ" ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލެއް. މިކަން އެމްއެފްޑީއޭއަށް އެންގީ ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން

ތައިލޭންޑުގައި އުފައްދާ ތިން ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނުމުގެ ސަބަބުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލަކުން ބޭސްތަކަކުން ނުރައްކާތެރި ކެމިކަލެއް ކަމަށްވާ "އެންޑީއެމްއޭ" ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ ތައިލެންޑުގެ ތިން ބޭހަކީ:

  1. މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ
  2. ރެނިޓިޑައިން 150 މގ
  3. ވިޓަމިން އޭ – ރެޓިނޯލް 60 މގ

އެމްއެފްޑީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މިކަމާ ގުޅިގެން ބެލިބެލުމުން ބޭސް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑްތަކުގެ ބޭސް އިމްޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ ކުރަންދާ ގައުމެއް ކަމުން މިކަންކަމަށް ސަމާލުކަން ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ޕޯޓްތަކުން އެތެރެކުރާ ބޭސްތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މިއީ އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ އިތުރަށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%