މަސްވެރިކަމުގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދަން ރައީސް އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 14 ޑިސެންބަރު 2025 09:09
މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ކަންކަން ނިންމަވަމުން ގެންދަވަނީ މަސްވެރިންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް.

މަސްވެރިކަމުގެ ދާއިރާ ތެރެއަށް ސިޔާސީ އޮއިވަރު ނުވެއްދުމަށާއި ސިޔާސީ ކަންކަން ވައްދަން އުޅޭ ފަރާތްތަކަށް އެ ޖާގަ ނުދެއްވުމަށް ރައީސް އިލްތިމާސްކޮށްފި އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ޒަމާނުއްސުރެ ކުރަމުން އައީ މަސްވެރިކަން ކަމަށާއި ބޭރު ދުނިޔޭގައި ރާއްޖޭގެ ރައްޔިތުންގެ އައިޑެންޓިޓީ އަކީ މަސްވެރިކަން ކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިކަމަކީ ގައުމީ މަސައްކަތެއް ކަމަށާއި މަސްވެރިން އެކަން ކުރަނީ އެބޭފުޅުންގެ ދިރިއުޅުމަށްޓަކައި ކަމަށާއި، މުޅި ގައުމުގެ ތަރައްގީއަށް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ކަންކަން ނިންމަވަމުން ގެންދަވަނީ މަސްވެރިންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެއްބާރުލުން އެގޮތަށް ލިބޭ ނަމަ ކުޑަ ދުވަސްކޮޅެއް ތެރޭގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޮޑު ކަންނެލީގެ މަސައްކަތް ކުރައްވާ ފަރާތްތަކަށް ވެސް އެމަނިކުފާނު ވީ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިންނަށް އެމަނިކުފަނު ވީ ވައުދުތަކަކީ ތެލާއި އައިސް އަދި ސަރުކާރުގެ ފަރާތުން މަސް ގަތުން ކަމަށާއި، އެ ތިން ކަންތައްވެސް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މީގެ އިތުރުން ވެސް މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި މަސްވެރިންނަށް ރައީސް މުޢިއްޒު ވީ އެންމެ ބޮޑު ވައުދަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާ އަށް މަތިކުރުމުވެ. ނަމަވެސް ގައުމުގެ އިގްތިސާދީ ހާލަތު އެކަމަށް ތަން ނުދޭތީ ކިލޯއެއްގެ އަގު މަތިކުރަން އަދި ތަނެއް ނުދެ އެވެ. ނަމަވެސް އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް އާއި ފިޝަރީޒް މިނިސްޓަރު ވެސް ދަނީ ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަޝްރޫއަކީ މަސް ރައްކާ ކުރާ ސްޓޯރޭޖުގެ ކެޕޭސިޓީ ބޮޑުކުރުމެވެ.

މަސްވެރިންގެ ކަންކަން ހައްލުކުރުމަށް މީގެ ކުރީ ސަރުކާރުތަކުން ނުދެއްވާ އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދަނީ ދެމުންނެވެ. އެގޮތުން މިދިޔަ ދެ އަހަރު މަސްވެރިންނާ ފުދޭ ވަރަކަށް ގިނަ ފަހަރު ރައީސް އަދި މިނިސްޓަރު ވަނީ ބައްދަލުކޮށް ޝަކުވާތައް އަޑު އައްސަވައި ބަދަލުތަކެއް ގެނެސްދީފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ކުރިއެރުމަކީ މެދުނުކެނޑި އެއް އަހަރު ވަންދެން 48 ގަނޑިއިރުތެރޭ ބާނާ މަހަށް ފައިސާ ދޫކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%