ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި މަސައްކަތްކުރަން އެންގެވި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، އިސްލާމްދީނަކީ އެ ދީނުގެ އަހުލުވެރިން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މަސައްކަތްކުރަން އަންގަވާ ދީން ކަމަށާއި މިކަމުގައި މުސްލިމުން ލަދުވެތިވެގެން ނުވާނެ ކަމަށެވެ.

މާތް ﷲ ރޭގަނޑު އަނދިރިކުރައްވައި، ދުވާލު އަލިކުރައްވާފައިވަނީ ހިކުމަތަކަށްޓަކައި ކަމަށާއި ރޭގަނޑުގެ ވަގުތު ލައްވާފައިވަނީ އަރާމުކުރުމަށާއި ނިވަލެއްކަމުގައި ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ދުވާލުގެ ވަގުތު ލައްވާފައިވަނީ ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ދިވެހިން ކަންނެތްވެ މަސައްކަތާ ދުރުވެއްޖެކަން ފާހަގަކުރަމުން މިއަދުގެ ހުތުބާގައި ބުނީ، އިގްތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އިގްތިސާދުގެ އެއް މައިނާރު ކަމަށްވާ މަސްވެރިކަމުގައި ވެސް ދިވެހިންގެ ބަދަލުގައި ބިދޭސީން ހަރަކާތްތެރިވަމުން އަންނަކަން ހުތުބާގައި ފާހަގަކުރި އެވެ. މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި އިގުތިސާދީ އެހެނިހެން ސިނާއަތްތަކުގައި ވެސް ދިވެހިންނަށްވުރެ ބޮޑަށް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

އިސްލާމްދީނުގައި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް އަންގަވާފައިވުމުން، މުސްލިމުންނަކީ އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށްވާން ޖެހޭނެ ކަމަށާއި، އެފަދަ ބަޔަކަށް ވެވޭނީ މަސައްކަތް ކުރަން ދަންނަ، މަސައްކަތް ކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން ކަމުގައި ހުތުބާގައި ވަނީ ބުނެފަ އެވެ.

އެހެން ބައެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާގެ އަމިއްލަ ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކު ކަމުގައިވުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.