މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ސިޔާސީ ބަޔަކު އަޑީގައި ތިބެ އިންތިޒާމުކޮށްގެން ބޮޑުކަންނެލި ދޯނިތަކުގައި ކުރަމުންދާ އިހުތިޖާޖުގައި މިހާތަނަށް 3 ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިއްޔެއިން ފެށިގެން މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި ބޮޑު ކަންނެލި ދޯނިތަކުން ދަނީ އިހުތިޖާޖުކުރަމުންނެވެ. އިހުތިޖާޖުކުރާ ފަރާތްތަކުގެ ޑިމާންޑަކީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމެވެ. ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށާއި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި އިހުތިޖާޖުގައި ބިދޭސީންވެސް ބައިވެރިވާތީ ފުލުހުން ވަނީ އެކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވުމަށް ފަހު، މިއަދު ދޯނިތަކަށް އަރައި ދޯނިތަކުގައި ތިބި ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނެއެވެ.
އޭގެ އިތުރުން މިހާތަނަށް 3 ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެކި ޝިއާރުތައް ލިޔެފައިވާ ބެނާތައް ދަމާފައިވާ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
އެހެންވެ މަސްވެރިން، ދޯނިތައް އެޅީ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށް ކަނޑުތޮށިން ބޭރުގަ އެވެ. ބައެއް ދޯނިތަކުން ވަނީ ފަޅުން ބޭރަށް ނުކުންނަ ފެރީތަކަށް ހުރަސްއަޅައި ނެރުވެސް ބަންދުކޮށްފައެވެ.






