
ވެނެޒުއެލާގެ 1.1 މިލިއަން ފީފާގެ ތެޔޮ ރައްކާކޮށްފައިވާ ޓޭންކަރު އެމެެރިކާއިން އަތުލައިގަތުން (ފޮޓޯ: އެކްސް)
ވެނެޒުއެލާގެ އައްސޭރިން 333 މީޓަރުގެ ތެޔޮ ޓޭންކަރެއް އެމެރިކާއިން އަތުލައިގަނެފިއެވެ. އެމެރިކާ އިން ބުނީ އެއީ "މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޓޭންކަރު" ކަމަށެވެ. މި ޓެންކަރުގައި 1.1 މިލިއަން ފީފާގެ ތެޔޮ ހުރި ކަމަށް އެއްމަސްދަރަކުން ބުނެފައި ވެއެވެ.
އެމެރިކާ އިން ޢާންމުކުރި ފޫޓޭޖުތަކުން ފެންނަ ގޮތުގައި އެފްބީއައި އާއި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އަދި އެމެރިކާގެ ކޯސްޓްގާޑް ސިފައިން ހެލިކޮޕްޓަރަކުން އެ ޓޭންކަރަށް ފައިބާތަން ފެނެއެވެ.

ވެނެޒުއެލާގެ 1.1 މިލިއަން ފީފާގެ ތެޔޮ ރައްކާކޮށްފައިވާ ޓޭންކަރު އެމެެރިކާއިން އަތުލައިގަތުން (ފޮޓޯ: އެކްސް)
މި ޢަމަލު ކުށްވެރި ކުރައްވަމުން ވެނެޒުއެލާގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ވޮޝިންޓަނުން ދަނީ ވެނެޒުއެލާގެ ތެލާއި، ރަނާއި، ގޭހާއި ފެން ވަގަށް ނަގަން މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތީ ވެނެޒުއެލާގައެވެ.
ހޫގޯ ޗާވޭޒް އަވަހާރަވުމުން 2013 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި މަޑޫރޯގެ ސަރުކާރު ވައްޓައިލުމަށް އެމެރިކާ އިން ދަނީ ވަރަށް ބޮޑަށް ވެނެޒުއެލާ އަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
އޮގަސްޓް މަހުން ފެށިގެން ވޮޝިންޓަނުން ދަނީ ކެރިބިއަން ސަރަޙައްދުގައި މަސްތުވާތަކެތީގެ ނަމުގައި ވެނެޒުއެލާގެ މީހުންނަށް އަމާޒުކޮށް ޙަމަލާތައް ވެސް ދެމުންނެވެވެ. މީގެ އިތުރުން ވެނެޒުއެލާ އަށް ބިރު ދެއްކުމުގެ ގޮތުން އެމެރިކާގެ ދެޖެޓެއް ވެނެޒުއެލާގެ ވަށައިގެން 40 މިނެޓް ވަންދެން ދަތުރު ވެސް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.









