48 ގަޑިއިރު ތެރޭ ފައިސާ ދީ މިއަދާ ހަމައަށް 900 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 11 ޑިސެންބަރު 2025 05:49
މަސްވެރިންގެ ދުވަހާ ގުޅިގެން ބޭއްވި "މަސްވެރިންގެ ގުންޒަރު"ގައި މިނިސްޓަރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ---
މަސްވެރިންގެ ދުވަހާ ގުޅިގެން ބޭއްވި "މަސްވެރިންގެ ގުންޒަރު"ގައި މިނިސްޓަރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

މި ސަރުކާރާ ހަވާލުވެ މިއަދާ ހަމައަށް މަސްވެރިންނަށް މުޅި ޖުމްލަ 1.7 ބިލިއަން ރުފިޔާ ދޫކޮށްފައިވާ މިނިސްޓަރު ވިދާޅުވި.

މި ސަރުކާރާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށް އޭގެ ފަހުން 48 ގަޑިއިރުތެރޭ ފައިސާ ދެމުން އައި އުސޫލާއެކު މިއަދާ ހަމައަށް 900 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރާ ހަވާލުވެ މިއަދާ ހަމައަށް މަސްވެރިންނަށް މުޅި ޖުމްލަ 1.7 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ވައުދާއި އެއްގޮތަށް ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ނިމިދިޔަ އަހަރު މަސްވެރިންގެ ދުވަހާ ދިމާކޮށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދެއްވާނެ ކަމަށް ވައުދުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެވެ. އެގޮތުން މިއަދާ ހަމައަށް އަހަރެއްވީއިރު ހުއްޓުމެއް ނެތި އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިފްކޯ އިން ދިޔައީ މަސްވެރިންނަށް ލަސްކަމެއް ނެތި ދޫކުރަމުންނެވެ.

މި ސަރުކާރު ހަވާލުވި އިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ އޮތެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާ އަށް ހެދީ އޭރު މަސްވެރިންނަށް ދަރާފައި އޮތް ލާރި ވެސް ނުދައްކަ އެވެ. އެހެން ކަމުން މި ސަރުކާރާ ހަވާލުވެ މާ ގިނަ ދުވަހެއް ނުވެ ނިމިދިޔަ ސަރުކާރުގައި ދަރާފަ އޮތް ފައިސާ އާއި ލައިގެން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ވަނީ ނިމިދިޔަ އަހަރު ދޫކޮށްފަ އެވެ.

މަސްވެރިންނަށް ފައިސާ ގަވާއިދުން ދެވޭނީ ކިހިނަކުންތޯ ބަލައި އިގްތިސާދީ ހާލަތާއެކު މަސްކިލޯ އެއް ދެވޭނެ އެންމެ ރަނގަޅު އަގަކީ ކޮބައިކަން ބަލައި މަސްވެރިންނާ މަޝްވަރާކުރުމަށްފަހު ސަރުކާރުން ވަނީ ނިމިދިޔަ އަހަރު މަސްކިލޯއަށް ދެވޭނެ އެންމެ ރަނގަޅު އަގު ކަނޑައަޅާފަ އެވެ. މަގްސަދަކީ މަސްވެރިންނަށް ގަވާއިދުން ފައިސާ ދިނުމެވެ.

ނިމިދިޔަ އަހަރު ސެޕްޓެމްބަރު މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ މަސްކިލޯއެއްގެ އަގު ވައުދާ އެއްގޮތަށް 20 ރުފިޔާ އަށް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން އެގޮތަށް ހަމަޖައްސަވާނީ މިހާރުވެސް މި ދޭގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ ކަމުގެ ޔަގީންކަން އޮވެގެންނެވެ.

މަސްވެރިކަމަށް މި ސަރުކާރުން ވަނީ ގިނަގުނަ މަޝްރޫއުތަކެއް ފަށަން ނިންމާފަ އެވެ. އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ކުރިއަށްދާއިރު މިކަންކަން ނިމޭއިރު މަސްވެރިކަމުގެ ދާއިރާ ތިން ގުނައަކަށް ކުރި އަރައިގެންދާނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%