ފޯނު ކެމެރާއިން ފެށިގެން ރަސްކަލުންނަށް: ދިވެހި 'ވިޝަނަރީ' ގައިޝް އަންވަރުގެ ދަތުރު

މުހައްމަދު ޖަމްޝަތު | 35 ދުވަސް ކުރިން - 10 ޑިސެންބަރު 2025 18:39
ގައިޝް އަންވަރު އާއި އޭނާގެ "ރަސްކަލުން" އިންސްޓްގްރާމް ޕޭޖް---
ގައިޝް އަންވަރު އާއި އޭނާގެ "ރަސްކަލުން" އިންސްޓްގްރާމް ޕޭޖް---
ޚުލާސާ

ހަގު އުމުރުގައިވެސް ފޮޓޯ ނެގުމަށް ގައިޝް ލޯބިކުރޭ. އޭރު އެތައް ފުރައްސަރާއެއް ކުރިމަތިވި ނަމަވެސް މިއަދު އެއީ ނަންހިނގާ މަގުބޫލު ބްރޭންޑެއް

އުމުރުން އެންމެ 20 އަހަރުގައި، އއ. އުކުޅަހަށް އުފަން އިބްރާހިމް ގައިޝް އަންވަރު ވަނީ އޮންލައިން ފުރައްސާރަ ފަދަ އެތަކެއް ހުރަސްތަކާއި ގޮންޖެހުންތަކެއް ގިރާކޮށް، ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ކްރިއޭޓިވް ބްރޭންޑަކަށް ބަދަލުވެފައެވެ. އޭނާގެ ދަތުރު ފެށުނީ ސްމާޓްފޯނަކާއެކު އުޅުނު މަޑުމައިތިރި އެހެނަސް އަޒުމް ވަރުގަދަ ޒުވާނެއްގެ ގޮތުގައެވެ. 14 އަހަރުގައި ގައިޝް ފެށި ދަތުރު މިހާރު ވަނީ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ރަސްކަލުން"ގެ ދަށުން ކުރިއަރާފައިވާ ޕްރޮފެޝަނަލް މަސައްކަތަކަށް ބަދަލުވެފައެވެ.

ކުރީގެ ޝަޓާ ބަގް

ގައިޝްގެ ވާހަކަ މީޑިއާތަކުން ފުރަތަމަ ފެނިގެންދިޔައީ 2021 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ. މީޑިއާތަކުގެ ސަމާލުކަން ދަމައިގަތުމުގެ މާކުރިން ފެށިގެންވެސް އޭނާގެ އުފަން ރަށް ކަމަށްވާ އުކުޅަހުގައި އޭނާ އަކީ ފާހަގަކޮށްލެވޭ، މީހުންގެ ސަމާލުކަން ލިބިފައިވާ ޒުވާނެކެވެ. ސްކޫލު ދައުރުގައި ގައިޝްގެ އެކުވެރިންނަށް އޭނާއަކީ "ކްލާހުގައި ހުންނަ މަޖާ ކުއްޖެއް" ގެ ގޮތުގައި ފެނުނު ނަމަވެސް ގައިޝް އަށް ކޮންމެ އެންގަލްއެއްގައިވެސް ކުރިއެރުން ފެނުނެވެ.

އޭރުވެސް ގައިޝް ގިނައިން ފެންނަނީ ކެމެރާއަކާ އެކުއެވެ. ފުރަތަމަ އޭނާގެ ފޯނު، ދެން ބޭބެއަކު ހަދިޔާކުރި ރަނގަޅު ކެމެރާއެކެވެ. ފޮޓޯގްރަފީގެ ހުނަރު ތަރައްގީކުރަން ގައިޝްގެ އެންމެ ގާތް އެކުވެރިއަކަށްހެދީ ޔޫޓިއުބެވެ. ޔޫޓިއުބުން ޓިއުޓޯރިއަލްތަކަށް ފީނައި އަމިއްލައަށް އޭނާގެ ހުނަރު ތަރައްގީކުރިއެވެ. އެއަށްފަހު ރާއްޖޭގައި ފޮޓޯގްރަފީ ދާއިރާގައި ނަންހިނގާ ބައެއް ފޮޓޯގްރާފަރުންގެ އެހީގައި ފޮޓޯނެގުމުގެ ހުނަރު ފައްކާ ކުރިއެވެ.

ދިވެހި 'ވިޝަނަރީ' ގައިޝް އަންވަރު. 14 އަހަރުގައި ފެށި ހޮބީ ފުރިހަމަ ވިޔަފާރިއަކަށް އޭނާ ވަނީ ބަދަލުކޮށްފަ----

ގައިޝްގެ ހުނަރަށް އާއިލާއާއި ރައްޓެހިންގެ ފަރާތުން ހިތްވަރު ލިބުނު ނަމަވެސް، ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ. ގައިޝް ކިޔައިދިންގޮތުގައި، ފޮޓޯ ނަގައިގެން ކުރިއެރުމެއް ނުލިބޭނެ ކަމަށާއި "ތީ ބޮޑު ފޭލިއަރެއް" ކަމަށް ބުނެ މީހުން އޭނާއާށް ފާޑުވެސް ކިއެވެ. އަދި ފޮޓޯ ނަގައިގެން މުޖުތަމައުގައި ކާމިޔާބު ނުވާނެ ކަމަށް ބުނެ އެތައް ކޮމެންޓްތަކެއް އޭނާއަށް ކުރިމަތިވިއެވެ. ފުރައްސާރަކުރުމުގެ ގޮތުން އޭނާގެ ސޯޝަލް މީޑިއާ ޕޭޖްތައް ހެކްކޮށްވެސް ހެދިއެވެ. ނަމަވެސް އޭނާ ފަހެއް ނުޖެހުނެވެ. އޭނާ ފްރީލާންސް ފޮޓޯގްރަފީގެ ޕްރޮފެޝަނަލް ދާއިރާއަށް ވަދެ، ރަށަށް ޒިޔާރަތްކުރަމުންދިޔަ ފަތުރުވެރިންގެ ތެރެއިން އޭނާގެ ފުރަތަމަ ކްލައިންޓުން ހޯދިއެވެ.

ޅެންވެރިޔާ ބުނާ ފަދައިން "ކުރިން ބުނީ ނުވާނެއޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ" މިއީ ގައިޝް މިހާރު ކިޔާ ލަވައެވެ.

އެކަޑަމިކް ކާމިޔާބީއާއި ބައިނަލްއަގުވާމީ މަގުބޫލުކަން

ފްރީލާންސް ފޮޓޯގްރަފީ އާއި ޔޫޕިކް.ކޮމް (Yupic.com) ފަދަ ސައިޓްތަކަށް ފޮޓޯ ހިއްސާކުރަމުން ވެސް، ގައިޝް ވަނީ ރަނގަޅު އެކަޑަމިކް ނަތީޖާތަކެއް ހޯދާފައެވެ. އޭނާގެ ސްކޫލާއި ލޯކަލް ނޫސްތަކަށް އިވެންޓް ފޮޓޯގްރަފީގެ މަސައްކަތްތައް އޭނާގެ ކިޔެވުމާ އެކު ބެލެންސްކުރިއެވެ. އަދި ކުރީކޮޅު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. އިންޑިއާގެ ނެހްރޫ ވޯލްޑް ސްކޫލްއިން އިންތިޒާމުކުރި "ޝަޓާ ބަގް" މުބާރާތުން އޭނާ ވަނީ މެރިޓް އެވޯޑެއް ހޯދާފައެވެ. އަދި މުޅި އޭޝިއާއަށް ހުޅުވާލައިގެން ބޭއްވި ފޮޓޯގްރަފީ މުބާރާތަކުން ދެވަނަ ހޯދިއެވެ. މި ކާމިޔާބީތަކަކީ އޭނާގެ ކުރިއެރުމަށް ލިބުނު ހިތްވަރުކަމަށް އޭނާ ބުނެއެވެ.

ރީބްރޭންޑިން އާއި "ރަސްކަލުން"ގެ ވުޖޫދު

ގައިޝްގެ ވާހަކައިގެ އެންމެ ފަހުގެ ބާބަކީ ސްޓްރެޓެޖިކް ކުރިއެރުމާއި ވިޔަފާރިއެވެ. އޭނާ ވަނީ އޭނާގެ ކްރިއޭޓިވް މަސައްކަތްތައް ވަރުގަދަ އެއް އައިޑެންޓިޓީއެއްގެ ދަށަށް ގެނެސްފައެވެ. "ރަސްކަލުން" އަކީ މިހާރު ގައިޝްގެ ބްރޭންޑެވެ. މި ރީބްރޭންޑް ދައްކުވައިދެނީ ހޮބީއެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްގެ ފަރާތުން ސީރިއަސް ވިޔަފާރިވެރިއަކަށް ބަދަލުވުމުގެ ފުރިހަމަ ކުރިއެރުމެވެ. އޭނާގެ ފޮޓޯގްރަފީގެ ހިދުމަތަކީ މިހާރު "ރަސްކަލުން ފޮޓޯގްރަފީ"ގެ ނަމުގައި ރަސްމީކޮށް ހިންގާ ހިދުމަތެކެވެ.

ނަމަވެސް ގައިޝްގެ ކުރިއެރުމަށް މަސައްކަތްކުރުން އަދި އެހިސާބުންވެސް ހުއްޓައެއް ނުލައެވެ.

ގައިޝްގެ "ރަސްކަލުން" ކްލޯތިން ބްރޭންޑުގެ ބައެއް އުފެއްދުންތައް---

ވިޔަފާރިވެރިކަމުގެ ވަރުގަދަ ރޫހެއް ދައްކުވައިދެމުން، އޭނާ ވަނީ އޭނާގެ ބްރޭންޑް އައިޑެންޓިޓީ ބޭނުންކޮށްގެން އޭނާގެ އަމިއްލަ ކްލޯތިން ލައިނެއްވެސް ފަށާފައެވެ. "ރަސްކަލުން" ގެ ނަމުގައި ފެށި ކްލޯތިން ލައިން ގައި ޓީޝާޓާއި ތޮތްޕާއި ރޭޝްގާޑާއި ދަބަސްފަދަ އުފެއްދުންތައް ހިމެނެއެވެ. މިއިން ކޮންމެ އައިޓަމެއްވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. މި މަސައްކަތުން އޭނާގެ ވިޝުއަލް އެސްތެޓިކް އާއި އަތްލެވޭ އުފެއްދުމެއް ގުޅުވައިލައި، ޕްރޮފެޝަނަލް ހިދުމަތްތަކުގެ އިތުރުން ރީޓެއިލް ދާއިރާއަށް އޭނާގެ މަސައްކަތް މިވަނީ ފުޅާކޮށްފައެވެ.

އަތޮޅުތަކުގެ ރަސްގެފާނު

ގައިޝް ވަނީ ފްރީލާންސް މަސައްކަތާއި ފޮޓޯޖާނަލިޒަމްގެ ދާއިރާއިން ކުރިއަށް ގޮސް، ދިވެހިރާއްޖޭގެ ރަށްތަކުގެ އަސްލު، ހިތްފަސޭހަ ރީތިކަން ޑޮކިއުމެންޓްކުރުމުގެ ވަރަށް ހާއްސަ މަސައްކަތެއް ކޮށްފައެވެ. އޭނާގެ މަސައްކަތް މިހާރު ސީދާ ގައުމީ ވާހަކަތަކަށް އެހީތެރިވެދެއެވެ.

ގައިޝް މަސައްކަތްކުރަނީ ސަރުކާރުގެ ރަސްމީ ފަތުރުވެރިކަން ކުރިއެރުވުމުގެ ކުންފުނި ކަމަށްވާ ވިޒިޓް މޯލްޑިވްސް އާ ވަރަށް ގާތުންނެވެ. އޭނާގެ ފޮޓޯތައް ބޭނުންކުރަނީ މި ގައުމަކީ އެންމެ މޮޅު މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށެވެ.

އުމުރުން އެންމެ 20 އަހަރުގައި، ގައިޝް ވަނީ އޭނާއަށް ކުރިން ފާޑުކީ މީހުންގެ ވާހަކަތައް މުޅިން ދޮގުކޮށްފައެވެ. އޭނާ ވަނީ ބްރޭންޑެއް ބިނާކޮށް، ވިޔަފާރިއެއް ފަށައި، އުފަން ގައުމަށް ވަރަށް މުހިންމު ވިޝުއަލް އެމްބެސެޑަރަކަށް ވެފައެވެ. އޭނާގެ ކްރިއޭޓިވް ދާއިރާގެ "ރަސްކަލުން" ގެ ނަމަށް އޭނާ ވަނީ ހަގީގީ މާނައެއް ގެނެސްދީފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%