ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މިއަދު 1 ޕަސަންޓް ދަށަށް ހިނގައްޖެއެވެ. ތެލުގެ އަގު ދަށަށް ގޮސްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވުމާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ގްރޫޕް (ޖީ7) އިން އެ ޤައުމުތަކުގެ އެމަޖެންސީ ތެޔޮ ރިޒާވުން ތެޔޮ ބާޒާރަށް ނެރުމަށް ނިންމުމާ ގުޅިގެންނެވެ.
މާކެޓްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ބްރެންޓް ކްރޫޑްގެ އަގު ފީފާއަކުން 72 ސެންޓް (0.71%) ދަށްވެ، އޭގެ އަގު $101.59 އަށް ތިރިވެފައިވާއިރު، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (WTI) ގެ އަގު ވަނީ ފީފާއަކުން $1.05 (1.2%) ދަށްވެ، $90.05 އަށް ވެއްޓިފައެވެ. މި ބަދަލު އަންނަން މެދުވެރިވީ މެދުއިރުމަތީގެ ޤައުމުތަކުން ތެޔޮ ބޭރުކުރާ މިންވަރު ދުވާލަކު 19.5 މިލިއަނާއި 22.5 މިލިއަން ފީފާއާ ދެމެދުގެ މިންވަރަކަށް އިތުރުވުމާއި، ބާޒާރުގެ އަގުތައް ކޮންޓްރޯލްކުރުމަށްޓަކައި ޖީ7 ގެ ޤައުމުތަކުގެ އެމަޖެންސީ ރިޒާވުން 100 މިލިއަން ފީފާގެ ތެޔޮ ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ބާޒާރަށް ނެރުމަށް ނިންމުމާ ގުޅިގެން ސަޕްލައި އިތުރުވުމުންނެވެ.
އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި، ސަޕްލައި އިތުރުވުމާއި ސްޓޮކް ދޫކުރުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތެލުގެ އަގު އިތުރަށް ހަމައަކަށް އެޅިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން މާކެޓަށް އަދިވެސް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.


