އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އިންޑޮނޭޝީއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، އިންޑޮނީޝިއާއަށް ދިމާވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިޔާގެ ރައީސް ސުބިއަންތޯއަށާއި، މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށާއި، އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.
އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިސާގެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަން، އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
މި ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމަށާއި، މި ހާދިސާގައި އަނިޔާ ލިބި، ގެއްލުންތައް ތަހައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.





