ރާއްޖެއަށް އެތެރެކުން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 20 ގަޑިއިރު ކުރިން - 10 ޑިސެންބަރު 2025 16:20
ކަސްޓަމްސް ބިލްޑިން. މިއީ ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް މަނާކުރި ފަހުން މިހާތަނަށް ހޯދުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް ކަމަށް ކަސްތަމްސްއިން މައުލޫމާތުދޭ--- ފޮޓޯ: ޚުލާސާ
ކަސްޓަމްސް ބިލްޑިން. މިއީ ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް މަނާކުރި ފަހުން މިހާތަނަށް ހޯދުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް ކަމަށް ކަސްތަމްސްއިން މައުލޫމާތުދޭ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ޖުމުލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ

ރާއްޖެއަށް އެތެރެކުން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން އެކްސްގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ކަނޑުގެ މަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން މި މަހުގެ ހަތަރު ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގައި އެ ޝިޕްމަންޓް ބަލާފާސްކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ޖުމުލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް މަނާކުރި ފަހުން މިހާތަނަށް ހޯދުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ރާއްޖޭގައި ވޭޕް މަނާކުރި ފަހުން، މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފަ އެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ، މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވައި ދިވެހި މުޖުތަމައަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުން ނުހަނު މުހިއްމު ކަމުގައިވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%