އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ކުރި ހަނގުރާމައިގައި އެޅި ފިޔަވަޅު ތަކުގެ ސަބަބުން ކާނާ ނުލިބި ހަށިގަނޑުގެ ނިއުޓްރިޝަން ލެވެލް ދަށްވެ ޞިއްޙީ ޙާލު ބޮޑުވެގެން ފަސްއަހަރުން ދަށުގެ 28419 ކުޑަކުދިން ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރި ކަމަށް ޔުނިސެފުން ބުނެފިއެވެ.
ޔުނިސެފުން ބުނީ މި އަހަރުގެ މެއި މަހު ބަނޑަށް ޖެހިފައިވާ ފަސްއަހަރުން ދަށުގެ ގާތްގަނޑަކަށް 5119 ކުދިން އެޑްމިޓަ ކުރި ކަމަށާއި އެންމެ ބޮޑު “ރާޅަކާއި” ކުރިމަތިލީ އޮގަސްޓުގައި ކަމަށެވެ. އެ މަހު ގާތްގަނޑަކަށް 14،000 ކުދިން އެޑްމިޓް ކުރި އިރު، އޮކްޓޯބަރުގައި ގާތްގަނޑަކަށް 9،300 ކުދިންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމަށެވެ.
ޣައްޒާ ހަނގުރާމައިގައި 2.1 މިލިޔަނެއްހާ މީހުން ބަނޑަށްޖެހުމުގެ ބިރާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ. އދ. ގެ މެދުއިރުމަތީގެ މަންދޫބު ސިގްރިޚް ކާޚް މި އަހަރުގެ ކުރީކޮޅު އިންޒާރުވެސް ދިނެވެ. އަދި ޣައްޒާއަށް އެތެރެ ކުރެވޭ ކާބޯތަކެތީގެ އަދަދު މަދުވުމާއި ގުޅިގެން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.
ޣައްޒާގެ ބަނޑުހައިހޫނުކަމުގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް ކާބޯތަކެތި ބެހުމުގެ މަސައްކަތް ވެސް ފެށިއެވެ. ނަމަވެސް އެ ޖަމުޢިއްޔާއިން ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒަކަށް އެއްވި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިޔައީ ޙަމަލާދީ، ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ބަނޑަށް ޖެހުމުގެ ސަބަބުން ގާތްގަނޑަކަށް 453 މީހުންގެ ފުރާނަ ގެއްލުނެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 150 ކުޑަކުދިން ހިމެނެއެވެ.









