އިސްރާއީލުން ބޮމާއި ބަޑިން ޙަމަލާދީ އެކީއެކަށް ސުންނާފަތިކޮށްލި ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރެއިން 15 މީހެއްގެ ހަށިގަނޑު ހޯދައިފިއެވެ. ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނާ ގޮތުގައި މި ހަށިގަނޑުތައް ފެނިފައި ވަނީ ހޮސްޕިޓަލް ގޯތި ތެރޭގައިވާ ގާތައް ނަގައި މީހުން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.
މީގެ ކުރިން ވެސް 98 މީހެއްގެ ހަށިގަނޑު ފެނުނު ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރެއިން މިފަހަރު ފެނުނު 15 ހަށިގަނޑުގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުތައް ވަނީ ވަރަށް ބޮޑަށް ކުނި ވެފައެވެ. ސިވިލް ޑިފެންސް ޓީމުތަކުން ބުނީ އަދިވެސް އިތުރު ހަށިގަނޑުތައް އެ ހޮސްޕިޓަލު ސަރަޙައްދުން ފެނުން އެކަށީގެންވާ ކަމަށެވެ.
900 އެނދާއި 1500 މުވައްޒަފުން ތިބި އަލް-ޝިފާ ހޮސްޕިޓަލުގައި މިހާރު ސަލާމަތުން ހުރި ހަމަ އެކައްޗެއް ވެސް ނެތެވެ. ހުރިހާ އެއްޗެއް އިސްރާއީލުން ބޮން އަޅައި މުޅީން ނައްތާލާފައެވެ.








