އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ގަޑިއިރު ކުރިން - 10 ޑިސެންބަރު 2025 12:15
ރައީސް ޑރ. މުއިއްޒު. ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމަކީ ދިވެހީންނާ ލާމެހިފައިވާ ކަމެއް ކަމަށް--- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު. ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމަކީ ދިވެހީންނާ ލާމެހިފައިވާ ކަމެއް ކަމަށް--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމަކީ ދިވެހީންނާ ލާމެހިފައިވާ ކަމެއް ކަމަށެވެ. އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހިންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން ގައުމުގެ އިގުތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަ ކުރުމާއި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސް ވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް މާތްﷲގެ ތަނަވަސް ރަހުމަތާއި ބަރަކާތް މިންވަރުކޮށް ދެއްވުން އެދި ދުއާކުރައްވައިފަ އެވެ.

ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. އެގޮތުން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%