ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީ އިން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަ އިންދަ ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން ކަމަށެވެ.
އެގޮތުން ފަރުމާކުރާ އުޅަނދަކީ މަސްވެރިން ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށްލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ހަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކަށް ރިއާޔަށްކޮށް ފަރުމާކުރާ އުޅަނދަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ހާމަކުރިގޮތުގައި މި މަޝްރޫއަކީ، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބިނާކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ހަރަދުކުޑަ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އިގްތިސާދީ ކުރިއެރުންތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މަސްވެރިކަމަކީ ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ކުރެވޭނެ ދާއިރާއެއްގެ ގޮތުގައި ދައްކުވައިދީ، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި ކަޅުބިލަމަހުގެ ވާދަވެރިކަން އިތުރުކުރުމަކީވެސް މި މަޝްރޫއުގެ މުހިއްމު ބޭނުމެކެވެ. މި ޒަމާނީ މަސްވެރި އުޅަނދަކީ، ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމައާއި ތަރައްގީގެ ކުރިމަގަށް ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި، މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް އާއެކު މިހާރުވަނީ ގެޒެޓްގައި އިއުލާންކޮށްފައެވެ. މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 18 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 އެވެ. މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗާގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.





