ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ. އެމަނިކުފާނުގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
ދެކުނު އޭޝިއާގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ އުސޫލުން ކަމަށްވެސް ރައީސްގެ އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ސިއްހަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިގުތިސާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި، ހިއްސާވާ ތަރައްގީ ކަށަވަރުކުރުންފަދަ ނާޒުކު މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. އަދި، މިފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްގީއާއި، ފުދުންތެރިކަން އިތުރުވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.









