މާލޭގެ ބޮޑުަތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ފުރަތަމަ ތަރައްގީކުރި ސެގްމެންޓްގެ މަސައްކަތް އެއްކޮށް ނިންމައި އާއްމު ބޭނުންތަކަށް މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. 144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ 455 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުރަތަމަ ސެގްމެންޓުގައި ތާރުއަޅައި މިހާރު ވަނީ އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައެވެ. އެއީ އެމްއެމްއޭ ކުރިމައްޗަށްވާގޮތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުގެ މަސައްކަތް އެމްޓީސީސިން ފެށީ ފެށީ އޮގަސްޓް 21 ގައެވެ. އެ ސެގްމެންޓުގެ މަސައްކަތް ނިންމާލިއިރު އެ ސަރަހައްދަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން މިހާރު މަގުގެ ޖާގަ އިތުރުކުރެވިފައިވާއިރު ލަފާ ފައިބާ ތޮށިވެސް ވަނީ އާ ކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުން ތަރައްގީކުރި ފުރަތަމަ ސެގްމެންޓު މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައި---ފޮޓޯ:އެމްޓީސީސީ
ޖުމްލަ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.
އެމްޓީސީސީން މިހާރު ވަނީ އެ މަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ފަށަން އާންމުންގެ ހިޔާލު ހޯދުމަށްވެސް ހުޅުވާލާފައެވެ.






