ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިން ދެމުން ދިޔަ 90 ދުވަހުގެ ވިސާ ފްރީ އެންޓްރީ ސައުތު އެފްރިކާ އިން ރަސްމީކޮށް ނިމުމަކަށް ގެނެސް، ކުރިން ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަމާއި އެކު ދެކުނު އެފްރިކާ އަށް ދަތުރުކުރުމަށް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. ސައުތު އެފްރިކާއިން ބުނާ ގޮތުގައި އެ ޤައުމުން މިހެން ހަދަން ޖެހުނީ މި ފަހުން ޣައްޒާއިން ފިލައިގެން ކެންޔާ މެދުވެރިކޮށް ފަލަސްޠީނުގެ 153 މީހަކު އައިސްފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ދަތުރުކޮށްފައި ވަނީ އިސްރާއީލުގެ ހުއްދަ ނެތި ކަމަށާއި، ރިޓާން ޓިކެޓުވެސް ބައެއް މީހުންގެ އަތުގައި ނެތް ކަމަށެވެ. އެހެން ކަމުން މިއީ ޤަވާޢިދާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ޢަމަލުކުރަމުން ދާތީވެ ނިންމި ނިންމުމެއް ކަމަށް ދެކުނު އެފްރިކާއިން ބުނެއެވެ.
ނަމަވެސް، ޙަޤީޤަތަކީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކުނު އެފރިކާ އަށް ދަތުރުކުރީ ހަނގުރާމައިގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށެވެ.
ދެކުނު އެފްރިކާގެ ހޯމް އެފެއާޒް މިނިސްޓަރު ލިއޮން ޝްރައިބަރ ވިދާޅުވީ ފަލަސްޠީނުގެ ވިސާ ހަނި ކުރީ ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށެވެ. ފަހަރެއްގައި ވެސް އެ ޤައުމަށް ދަތި ކުރާކަށް ނޫނެވެ.
މީގެ ކުރިން ފަލަސްޠީނުގެ ރައްޔިތުންނަށް ވިސާ ނެތި ދެކުނު އެފްރިކާއަށް ވަދެވެއެވެ.
ބައެއް ފަރާތްތަކުން ޝައްކުކުރާ ގޮތުގައި ބައެއް އެރައިވަލްތައް ބޭނުން ކުރަމުން ދިޔައީ "ވޮލަންޓިއަރީ މައިގްރޭޝަން" ގެ ނަމުގައި، އިސްރާއީލާއި ގުޅުން ހުރި ފަރާތްތަކުން ކަމަށް ވުން ވެސް އެކަށީގެން ވެއެވެ.






