ހުޅުމާލެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނެގުމަށް އިއްޔެ ފެށި ހާއްސަ ޕްރޮގްރާމުގެތެރެއިން މިހާތަނަށް 252 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.

ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދިވެހި ފުލުހުން ހިދުމަތް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެޗްޑީސީން ހިމެނޭހެން ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސްއިން ބައިވެރިވެއެވެ. އިއްޔެ ފެށި މި ހާއްސަ ޕްރޮގްރާމު 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާއިރު، ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ދަނީ ޓޯކުރަމުންނެވެ.

ފުލުހުން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި ހުޅުމާލެއިން ޖުމްލަ 252 އުޅަނދެއް ވަނީ ޓޯކޮށް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހުރިހާ އުޅަނދުތަކަކީވެސް ބާވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއް ކަމަށް ބުންޏެވެ.

މި އޮޕަރޭޝަނަކީ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުޅުމާލޭގެ މަގުތައް ތަރުތީބު ކުރުމަށް ކުރަމުންދާ މަސައްކަތުގުގެ ތެރެއިން ވެހިކަލް ޓޯ ކުރުމުގެ އޮޕަރޭޝަނެކެވެ. އެގޮތަށް އުޅަނދުތައް ދޫކޮށްލާފައި ހުރުމުން ރައްޔިތުންގެ ޝަކުވާ ލިބޭކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.