މާލޭގައި ހުންނަ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށް ސަސްޕެންޑް ކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައު ބުނީ މިއީ 5 ޑިސެމްބަރު 2025 ގައި ފުލަހުންނަށް ރިޕޯޓުކުރި މައްސަލައެއް ކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރީ ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43އ) އެވެ. އޭނާ އަކީ ފުލުހެކެވެ.
ފުލުހުން ބުނީ އޭނާވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށްވެސް ހުރަސްއަޅާފައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން 6 ޑިސެމްބަރު 2025 އިން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.






