މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަހްމަދު ހައްސާން (33އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ވަނަ ދުވަހު ކަމަށެވެ.
އޭނާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމުލަ 150،300 ރުފިޔާ ހޯދައި އެ ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައި ކަމަށް މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






