ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި، ޓޫރިޒަމް ޓްރޭނިން ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ. މީގެ އިތުރުން ރިޒޯޓު ހެދުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާއި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ހިމެނެއެވެ.
މި ބިލުގައި، ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިން ރިޒޯޓް" ހިމަނައި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި، ތަރައްގީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިސާސްގައި ހިމެނޭ ތަންތަނުގައި ތަރައްގީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށާއި އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުތުތަކާއި އިޖުރާތު ބަޔާންކޮށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު ހަ މަސްދުވަހަށް އިތުރުކުރެވޭނެކަމަށް ވެސް ވަނީ ހިމަނާފައެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގައި ކުރިން އޮންނަ ގޮތުން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށް ދެވޭނީ 50 އަހަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންނެވެ. އަދި އެއަށް ވުރެ މުއްދަތު އިތުރު ކުރެވޭނީ ދެ އަހަރު ދުވަސް ތެރޭގައި ފައިސާ ދައްކައި ނިންމަން އެއްބަސްވާ ނަމަ، އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އަދި ދެ އަހަރު ދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ނިންމަން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އަދި އޭގެ އިތުރުން ދެ އަހަރު ތެރޭގައި ފަސް މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން މިހާރު ޖެހެއެވެ.
ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ، ޓުއަ އޮޕަރޭޓާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއާ އޮޕަރޭޓަރަކަށް، ހިދުމަތް ދެވޭނީ، ފޮރިން ޓުއާ އޮޕަރޭޓާ ލައިސަންސްއެއް ހޯދުމަށްފަހުކަމަށް ކަނޑައަޅައި ޓުއާ އޮޕަރޭޓަރުންނާއި ފޮރިން ޓުއަ އޮޕަރޭޓަރުންނާ ގުޅޭ ކަންކަން ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ހަމަމިއާއި އެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ކަނޑައެޅުން ވެސް މި ބިލަށް ގެނައި އިސްލާހުގައި ހިމެނެއެވެ.
ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ހިދުމަތުގެ ބާވަތަށާއި ހިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް އެއްމިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް މި ބިލަށް ގެނެވުނު އިސްލާހުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.





