މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ބަލައި ފާސްކޮށް މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހައްޔަރުކުވުނު 10 މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އިތުރު މީހަކު އިއްޔެގެ ވަގުތެއްގައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ކަމަށެވެ.

ބަންދުގެ މުއްދަތު އިތުރުކުރީ ހަސަން ނަޒީފްގެ
ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރެވިފައިވަނީ ހިތަދޫ، ގުލްކަނދުގެ / ހަސަން ނަޒީފް (36) އެވެ. އޭނާގެ ބަންދަށް ކޯޓުން ޖަހާފައިވަނީ ފަސް ދުވަހެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ އައްޑޫ އަށް ނިސްބަތްވާ ބޮޑު ނެޓްވޯކެއްގެ އިސްވެރިންތަކެއް ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އަދި ވިއްކާ ފަރާތްތަކަށް މަރުގެ އަދަބުދޭން ރައްޔިތުންގެ މަޖިލީހުން ވަނީ ނިމިދޔަ ހަފްތާގައި ފާސްކޮށްފަ އެވެ. މި ބިލުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ކަނޑައެޅޭ އުމުރު ދުވަހުގެ ޖަލު ހުކުމުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލެވި މަރުވަންދެން ޖަލުގައި އޮންނާން ޖެހޭނެ އެވެ.





