ރައީސްގެ ވާހަކަފުޅާ ބެހޭގޮތުން މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަންގެ ރައީސް، ނާއިފް ދައްކަވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަސްވާޑް އޭނާ އަށް ރައްދު ދެއްވައިފި އެވެ.
ރައީސް މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ ނޫސްވެރިޔާ ނިސްބަތްވާ ނޫހަކީ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް ގެންގުޅުއްވާ ނޫހެއް ކަމަށް އެ ނޫހުގެ އެޑިޓަރު ވިދާޅުވި ކަމަށެވެ. ރައީސް ވިދާޅުވީ ވަކި އަތަކަށް ޖެހުމަކީ ނޫސްވެރިކަމެއް ނޫން ކަމަށާއި، ހަގީގީ ނޫސްވެރިކަމަކީ "ފެކްޓް ބޭސްޑް" ކޮށް ހަބަރު ލިޔުން ކަމަށެވެ. ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް އެއް ކަމަށް އެ ނޫހުގެ އިސްފަރާތަކުން އިއުލާނު ކުރި ހިސާބުން އެ ނޫހުގެ އަން-ބައާސް ކަން ގެއްލިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާއިފް ވިދާޅުވީ ރައީސް އެ ހައްދަވަނީ މުތުލަގަށް ބުހުތާނު ދޮގު ކަމަށެވެ. އެއަށް ރައްދުދެއްވާ ޔޫތު މިނިސްޓަރު އަސްވާޑު ވިދާޅުވީ އެއީ ތިމަން މަނިކުފާނު އިންނެވި ބައްދަލުވުމެއް ކަމަށާއި، ނާއިފް އަކީ އެ ބައްދަލުވުމުގައި އިންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެޑިޓަރަކު ދެ ފަހަރެއްގެ މަތިން އެ ނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ އިދިކީލަ އެޑިޓޯރިއަލް ޕޮލިސީއެއް ކަމަށް ވިދާޅުވި ކަމަށެވެ.
މާފަްންނު ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވުމާއެކު އެ ނޫހަށް ނިސްބަތްވާ އެޑިޓަރު ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި އޭނާ ލިޔެފައިވަނީ ރައީސް އޮފީހުގެ އެ ބައްދަލުވުމުގެ އޯޑިއޯ/ވީޑިއޯ ރެކޯޑިން ހުންނާނެ ކަމަށާއި އެފަދަ އެއްވެސް އިބާރާތެއް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިން އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ އެޑިޓަރު ބުނެފައިވަނީ "މި ސަރުކާރާ އެންމެ އިދިކީލަ އެޑިޓޯރިއަލް ޕޮލިސީއެއް ގެންގުޅެނީ އަދަދު" ކަމަށެވެ.





